ސްޓޫޑޭންޓް ލޯންގެ މައްސަލައިގައި ރައީސް ސޯލިހު ކަންބޮޑުވޭ: ހޫދު

13 Jun 2019 | 16:49

ދައުލަތުގެ އެހީގައި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށްދޭ ސްޓޫޑޭންޓް ލޯން ދިނުމުގައި ކަންތައްތައް ހިނގައިދިޔަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވެ ވަޑައިގެންނެވި ކަމަށް، އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން ހޫދު ވިދާޅުވީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލި 993 ކުދިންގެ ތެރެއިން 79 ދަރިވަރަކު ފިޔަވައި ދެން ބާކީ ތިބި ކުދިންނަށް އެކި ސަބަބުތަކާހުރެ ލޯނު ނުލިބި ދިއުމަކީ ރައީސް ސާލިހް ނުހަނު ކަންބޮޑުވެވަޑައިގެންނެވި ކަމެއްކަމަށެވެ.

ހޫދު ފާހަގަކުރެއްވި ގޮތުގައި ކުރީ ސަރުކާރުގައި މަތީ ތައުލީމަށް ލޯނު ލިބުނީ ލޯނަށް އެދި ހުށަހެޅިތާ 6 މަސް ފަހުންނެވެ. ނަމަވެސް މި ސަރުކާރުގައި ދަރިވަރުންނަށް ލޯނު ލިބޭނެކަން ކަށަވަރުކޮށްދިނީ އެންމެ 20 ދުވަސް ތެރޭގައިކަމަށް ހޫދު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މަތީ ތައުލީމުގެ ލޯނުގެ ކަންކަން ހިނގައިދިޔަގޮތް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގާތުން ބައްލަވާފައިކަމަށެވެ.

އަދި ވީހާ ވެސް ލުއިގޮތަކަށް އެކަންކަން ކުރިއަށް ގެންދިއުމަށް އެމަނިކުފާާނު އިރުޝާދު ދެއްވިކަމަށް ފާހަގަކުރެއްވިއެވެ. 

"ސަރުކާރުން އުއްމީދު ކުރަނީ އަލަށް ހުޅުވާލި ފުރުސަތާއެކު ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ވީހާ ވެސް ގިނަ ކުދިބަޔަކަށް ލޯނު ފުރުސަތު ލިބިގެންދިއުން" ހޫދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް