ފަނޑިޔާރު ދީދީއާއި މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަންގައިފި

13 Jun 2019 | 18:51

ސުޕްރީމް ކޯޓުގެ ފަނޑިޔާާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުން ފަދަ ފިޔަވަޅެއް އެޅުން ފަސްކުރުމަށް އެކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ބުނެފައިވަނީ މި މައްސަލައާމެދު ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އޭނާ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ތަންފީޒު ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތާއި، ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި ދުސްތޫރީ މައްސަލައިގައި ފާހަގަކުރައްވާފައިވާ ގޮތުގައި ރައީސް ނަޝީދުގެ ފަރާތުން ޖޭއެސްސީއަށް ހުށައެޅުއްވި މައްސަލައަކާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ މައްޗަށް އެބޭފުޅާ ސަސްޕެންޑްކުރުމަށް އެ ކޮމިޝަނުން ނިންމީ ޣައިރު ގާނޫނީ ނިންމުމެކެވެ.

އެބޭފުޅާ ސަސްޕެންޑްކުރެވުނީ ޖޭއެސްސީގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ރިޝްވަތު ނެގިކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ފަރާތުން ތަހުގީގުކުރެވެމުންދާތީއެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި އަބްދުﷲ ދީދީ ހުންނަވައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގައި ތޭރަ އަހަރުގެ ޖަލުހުކުމެއް އިއްވުމަށްޓަކައި އެއް މިލިޔަން ޑޮލަރުގެ ރިޝްވަތު ނަންގަވާފައެވެ.

ސުޕްރީމް ކޯޓުގެ މި އަމުރާއި ގުޅިގެން ޖޭއެސްސީގެ ކުއްލި ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް

Advertisement