ސެކިއުލަރިޒަމްގެ ނުރައްކާތެރިކަން 7

15 Jun 2019 | 19:49

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު

ސެކިއުލަރމީހުންގެ މަކަރުވެރިކަން

އިސްވެ ބަޔާންވެދިޔަ 3 ޖަވާބަށް ބަލައިލުމުން އެނގި ކަށަވަރުވެގެން ދިޔައީ ސެކިއުލަރިސްޓުން އިސްލާމީ މުޖުތަމަޢުތައް ހަލާކުކޮށް ފަސާދަކުރުމަށް މަސައްކަތް ކުރަމުންދާ ޙީލަތްތެރި ގޮތެވެ. އެމީހުންގެ ބަހާއި ޢަމަލުން އެމީހުންގެ ފިކުރު ފާޅުކުރާ މިންވަރު ބިނާވެފައިވަނީ އެމުޖުތަމަޢެއްގެ އަހުލުވެރިން އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ލޯބިކުރާ މިންވަރެއްގެ މައްޗަށެވެ. އެބައެއްގެ ތެރޭގައި ހުރިހާކަމެއްގައިވެސް ރަނގަޅާއި ނުރަނގަޅު ކަނޑައަޅާ މިންގަނޑަކީ އިލާހީ ޝަރީޢަތް ކަމުގައި ބަލައިގެންފައިވާ މުޖުތަމަޢެއްގައި ސެކިއުލާ ވިސްނުމުގެ މީހުންނަކަށް ޖާގައެއް ނޯންނާނެއެވެ. އެފަދަ ތަންތަނުގައި އެވެރިން ތިބޭނީ ހަމަ ކޮންމެ ވަގުތެއްގައިވެސް އެއުރެންގެ ޙަޤީޤަތް ފާޅުވެދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް އެމުޖުތަމަޢެއްގައި އިސްލާމްދީނުގެ އަސާސްތަކަށް އިޙްތިރާމް ކުރުން ކުޑަވެ ޣައިރުދީނުގެ ވައްޓަފާޅި ރީތިވެއްޖެނަމަ ސެކިއުލާމީހުންނަށް އެމީހުންގެ ވިހަ ފަތުރަން ފަސޭހަވެގެން ދެއެވެ. އެހާލަތުގައި އެތަނުގައި ނަގާކިޔަން ތިބޭނީ މާއްދިއްޔަތަށް ހެއްލިފައިވާ ދުނިޔާއި މުދަލުގެ އަޅުންނެވެ.

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލައިފި ހަމަ ކޮންމެ މީހަކަށްވެސް އިސްލާމުންގެ ނަމުގައި ތިބި މުނާފިޤުންގެ ނުރައްކާތެރިކަން އެނގޭނެއެވެ. ޔަހޫދީންނާއި ނަޞާރާއިންގެ މަޤްޞަދު ޙާޞިލުކުރުމަށް އިސްލާމުންނާ ދެކޮޅަށް ހިންގަމުންދިޔަ ޖަރީމާތައް ފެންނާނެއެވެ. އެބައިމީހުންގެ ޙަޤީޤަތް ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރެއްވިއެވެ. {وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ}{البقرة :14}" އަދި އީމާންވި މީހުންނާ ބައްދަލުވެއްޖެނަމަ ބުނެއެވެ. ތިމަންމެން މިތިބީ އީމާންވެގެންނެވެ. އަދި އެބައިމީހުންގެ ބޮޑުންނާ ވަކިން ބައްދަލުވެއްޖެނަމަ ބުނެއެވެ. ހަމަކަށަވަރުން އަހަރެމެން މިތިބީ ތިޔަބައިމީހުންނާ އެކުގައެވެ. އަހަރުމެންނީ ހަމަ ފުރައްސާރަކުރާ ބަޔަކީމުއެވެ."

މިއީ އަބަދުވެސް މުނާފިޤުންގެ މަކަރުވެރި މަސައްކަތް ހުންނަގޮތެވެ. އެމީހުންގެ ބިރަކީ އިސްލާމް ދީނާއި މުސްލިމުންނަށް ބާރުލިބި އެމީހުންގެ ޙަޤީޤަތް ހާމަވެ، އިސްލާމްދީނުގެ ޢަދުއްވުންގެ ކުރިމަތީގައި އެމީހުންގެ ބޭނުން ކެނޑިދާނެތީއެވެ. އެއިރުން އެމީހުންވާނީ އެއްވެސް އަގެއް ނެތް ބަޔަކަށެވެ.

އިސްލާމުންގެ ނަމުގައިތިބޭ ސެކިއުލަރިސްޓުންނާއި، ލިބްރާލީންފަދަ ބުނާފިޤުން އަބަދުވެސް އިސްލާމީ ދަޢުވަތާއި ދީނުގެ ތަޢުލީމަށް ނަފްރަތުކޮށް ހުރަސް އަޅަނީ މިސަބަބަށްޓަކައެވެ. އެއީ އެމީހުންގެ މަކަރުވެރިކަން އެންމެ ބޮޑަށް ދެނެގަނެވޭނީ ޞައްޙަގޮތުގައި ދެވޭ އިސްލާމީ ތަޢުލީމުންނެވެ. އެތަޢުލީމުގެ ސަބަބުން އުންމަތުގެ އަފްރާދުންގެ އިސްލާމީ ޢަޤީދާ ހަރުދަނާވެ އޭގެމައްޗަށް ދުނިޔަވީ ޙަޔާތް ބައްޓަން ކުރާނެ ގޮތް އެނގިގެން ދެއެވެ. އަދި އިސްލާމް ދީނާއި މުސްލިމުންގެ ޙަޤީޤީ ދުޝްމަނުންނާނަކީ ކޮބައިކަމާއި، އެމީހުންގެ މަކަރުވެރި މަސައްކަތްތައް ރާވާހިންގާ ގޮތްތަކަށް ހޭލުންތެރިވެއެވެ. އަދި އުންމަތުގެ މަތިވެރި ޢަޤީދާއަށްޓަކައި ވާންޖެހިއްޖެ ކޮންމެ ޤުރްބާނީއަކަށް ތައްޔާރުވެއެވެ. ވީމާ ސެކިއުލަރިސްޓުންގެ މައިގަނޑު މަސައްކަތަކަށް ވަނީ ކޮންމެ ގޮތެއް ހަދައިގެންވެސް އުންމަތުގެ އަފްރާދުން ޣާފިލުކަމުގެ ނީދީގައި ނިންދެވުމެވެ. އެމީހުންގެ ހިތްތަކުގައިވާ މަތިވެރި ޢަޤީދާގެ ޙިމާޔަތުގައި ދުޝްމަނުންނާ ކުރިމަތިލުމުގެ ޝުޢޫރު ހޭލުޔަނުދީ ހިފެހެއްޓުމެވެ.

ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ މިސްރާބާއި މަންޒަރު ދުނިޔެއަށް ދައްކަމުންދާ ގޮތަކީ މިކަމުގެ ވަރަށް ސާފު މިސާލެކެވެ. ޔަހޫދީންގެ މައިގަނޑު މަސައްކަތް އަމާޒުކޮށްފައިވަނީ ފަލަސްޠީނުގައި ހިމަގަމުންދާ ހަނގުރާމަކީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫންކަމަށް މުސްލިމުންނަށް ދެއްކުމެވެ. އަދި ކިއްތަ، އެއީ ޢަރަބީންނާ އިސްރާއީލާ ގުޅުންހުރި މައްސަލައެއްކަމުގައި ދެއްކުމެވެ. ވީމާ އިސްލާމްދީން މިކަމުގެ ތެރެޔަށް ވައްދައިގެން ނުވާނެކަމަށް ވިސްނައިދިނުމެވެ. އެއީ އިސްލާމުންގެ މުޤައްދަސް ބިމެއް ގެއްލިގެންދާތީ މުސްލިމުން އެކަމާ ކެކި އަރައި، އިސްލާމީ އެބިން ޙިމާޔަތްކޮށް އެތަނުން ޔަހޫދީން ބޭރުކުރުމުގެ ޢަމަލީ މަސައްކަތަށް ނުކުތުމަށް އިސްލާމީ ޤައުމުތަކުގެ ވެރިންނަށް މަޖުބޫރު ވެދާނެތީއެވެ. މި އޮޅުވާލުމުގައި ޔަހޫދީންނާއެކު މިއަދު ވަނީ މުޅިދުނިޔޭގެ ބޮޑެތި މީޑިއާތައް އަތުގުޅާލާފައެވެ. އެކަމުގައި އިސްލާމް ދީނަށް ނިސްބަތްވާ އެތައް ބަޔަކުވަނީ ގުޅިފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެމީހުން ބުނާ ކޮންމެބަހެއް، ނޫސްތަކުންގެ ފަލަސުރުޚީއަށް އަރާމީހުންނެވެ. ބައެއް މީހުންނަކީ އިސްލާމީ ޤައުމުތަކުގެ ވެރިންނެވެ. އެންމެ ހިތާމަހުރިކަމަކީ ފަލަސްޠީނުގެ މައްސަލައަކީ ދީނާ ގުޅުވަން ޖެހޭ މައްސަލައެއް ނޫންކަމާއި، އެއީ ޢަރަބީންނާ އިޒްރޭލާ ދޭތެރޭ އޮތް ހަމައެކަނި ސަރަޙައްދީ އިމުގެ މައްސަލައެއްކަމަށް ވަކާލާތުކުރާ ދީނީ ޢިލްމަށް ނިސްބަތްވާ މީހުން ގިނަވަމުންދާތީއެވެ. މިފިކުރު ފުޅާވަމުންގޮސް ފަލަސްޠީނުގައި ޔަހުދީންނާ ދެކޮޅަށް ހިންގޭ ޙަރަކާތްތަކަކީ ޓެރަރިސްޓް ޙަރަކާތްތަކެއްގެ ގޮތުގައި މިވަނީ ޞިފަކުރެވިފައެވެ.

ޔަހޫދީ ނޫހެއްކަމުގައިވާ "ޔަދްޢޫތު އަޙްރަނޫތު" ކިޔާ ނޫހެއްގައި 1978 ވަނަ އަހަރުގެ ،މާރިޗުމަހުގެ 18 ވަނަ ދުވަހު ޝާއިޢުކުރި ލިޔުމެއްގައި ދެކުނު ލުބުނާނަށް ޔަހޫދީން ޙަމަލާދިން މައްސަލައިގައި ވާހަކަ ދައްކަމުން ލިޔެފައިވާ ލިޔުމުން ތަންކޮޅެއް މިކަމުގެ ހެއްކަކަށް ހިމަނާލާނަމެވެ. " އިސްރާއީލާއި ޢަރަބިންނާ ކުރެވެމުންދާ ހަނގުރާމައިގެ އިސްތިރާތީޖީ ގޮތުން ވަރަށް މުހިންމެ ބައެއް، އަހަރުމެންގެ ޚަބަރު ފަތުރާ ހުރިހާ ވަސީލަތްތަކަށްވެސް އެނގެން ޖެހޭނެއެވެ. އެއީ އެކަމުގައި އަހަރުމެންގެ މަސައްކަތުން އަދި އަހަރުމެންގެ އެހީތެރިންގެވެސް މަސައްކަތާއެކު ކަމިޔާބުވެފައި އޮތް ކަމެކެވެ. އެއީ ވޭތުވެދިޔަ 30 އަހަރުގައިވެސް އަހަރުމެންނާ ޢަރަބިންގެ ހަނގުރާމައިގެ މައުޟޫތެރެއިން އިސްލާމްދިން ބޭރުކުރެވިފައި އޮތުމެވެ. ވީމާ މި ހަނގުރާމައިގެ މައުޟޫއިން އިސްލާމް ދީން ބޭރުކުރެވިފައި އޮތުން އަބަދަށް އެގޮތުގައި ހިފަހައްޓަން ޖެހޭނެއެވެ. މިކަމަށްޓަކައި، އިސްލާމުންގެ ތެރޭގައި އަހަރުމެންނާ ދެކޮޅަށް ތެދުވުމުގެ އިސްލާމީރޫޙު ދިރިގެން ހިނގައިދާނެކަން އަހަރުމެން ފަހަރެއްގައިވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ވީމާ އެފަދަ ފިކުރެއް ދިރިގެން ހިނގައިދާނެ އެންމެހައި ކަމެއް ހިފަހައްޓައި އެކަންކަމުން އަހަރުމެން ދުރުވާން ޖެހޭނެއެވެ. އެއީ އެކަން ޙާޞިލު ކުރުމަށްޓަކައި އަހަރުމެންގެ އެކުވެރިންގެ އެހީތެރިކަމާއެކު، ބާރުގެ ބޭނުންކުރަން ޖެހުނުކަމުގައި ވިޔަސް އިސްލާމީ ރޫޙު އަހަރުމެންނާ ދެކޮޅަށް ހޭލަފާނެ ކިތެއްމެ ކުޑަކަމެއް ނަމަވެސް ހިފަހައްޓަން ޖެހޭނެއެވެ."

ނޫހުގައި ލިޔުން ނިންމާލަމުން ބުނެފައިވެއެވެ. " ނަމަވެސް އިޒްރޭލުގެ ޓީވީ އިން ވަނީ މިކަމުގައި ވަރަށް ބޮޑު ނުބައެއް ހަދާފައެވެ. އެއީ އެމީހުން ޚަބަރުގެންނަގޮތުގެ ސަބަނުން ހަނި ދާއިރާއެއްގައި ނަމަވެސް އަހަރުމެންނާ ދެކޮޅަށް އިސްލާމީ ރޫޙެއް އުފެދި އަހަރުމެންގެ ރޭވުން މުލުން ލުހިގެން ހިނގައިދާނެކަހަލައެވެ. އޭގެ ސަބަބުން އަހަރުމެންނާ ދެކޮޅަށް އިސްލާމީ މަޝާޢިރުތަކު ބޭނުންހިފަން އިސްލާމީ ޖަމާޢަތްތަކަށް ފަސޭހަވެގެންދާނެއެވެ. އެ ޖަމާޢަތްތަކަށް އެކަން ކާމިޔާބު ވެއްޖެނަމަ އަހަރުމެންގެ ރޭވުން ނަކާމިޔާބުވެގެން ދާނެއެވެ. އަދި އިސްލާމީ ރޫޙު އާލާވެ ޙަރަކާތްތެރިވާން ފަށައިފިނަމަ ދެން އިޒްރޭލުން ކުރިމަތިލާން އެޖެހޭނީ އިޒްރޭލުގެ ޙަޤީޤީ ދުޝްމަނާއެވެ. އެއީ އެ އެއްޗެއް ހަނގުރާމައިގެ މައިދާނާ ދުރުގައި ބޭއްވުމަށް އަހަރުމެން އަބަދުމެ މަސައްކަތް ކުރާ ފަރާތެވެ." حقيقة العلمانية معناها ونشأتها ..... الشيخ أبو سليمان عبد الله بن محمد الغفيلي ، ص:16

އިސްވެ ބަޔާންވެ ދިޔަ ޢިބާރާތުން ވަރަށް ގިނަ ޙަޤީޤަތްތައް ފާޅުގެން ހިނގައްޖެއެވެ. ޔަހޫދީން އަބަދުވެސް މަސައްކަތް ކުރަނީ އެމީހުންގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ފައިތިލަ ސާބިތުކުރެވޭނެ ހަމައެކަނި ބާރުކަމުގައިވާ އިސްލާދީން މައިދާނުން ބޭރުގައި ބޭއްވުމަށެވެ. އެފަދަ ފިކުރުތައް ކުރިޔާލާ މަރާލުމަށެވެ. ތަފާތު ގޮތްގޮތުންނެވެ. ބައެއް ފަހަރު އެކިތަންތަނުގައި ހަނގުރާމައިގެ ފިތުނައިގެ އަލިފާން ރޯކޮށްގެންނެވެ.

ސެކިއުލަރިސްޓުންގެ މަސައްކަތް އަބަދުވެސް ހުންނަގޮތް މިއޮތީ ސާފުކޮށް ފެންނާށެވެ. އިސްލާމް ދީން އަބަދުވެސް ދުރުގައި ބޭއްވުމެވެ. އަބަދުވެސް އެފަދަ މީހުންގެ ފަރާތުން އިވޭ އަޑަކީ ” ކޮންމެ ކަމަކަށް ދީން ވައްދާކަށް ނުޖެހެއެވެ." "މިއީ ދީނީ ކަމެއް ނޫނެވެ." މި ޙީލަތް ބޭނުންކޮށްގެން އެމީހުން ބޭނުންވަނީ އަބަދުވެސް ދީނުގެ މައުޟޫ އެއްފަރާތުގައި ބޭއްވުމެވެ. އޭއީ އެމީހުންނަށް ކުރިމަތިލާން އުނދަގޫވަނީ ދީނާއި ދީނުގެ ޞައްޙަ މަޢުލޫމާތު ލިބިފައި މީހުންނާއެވެ. ވީމާ އަބަދުވެސް އިޚްތިޔާރު ކުރާނީ ދީނުގެ މައުޟޫއިން ބޭރުވެގަތުމުގެ މަގެވެ. އަދި އަބަދުވެސް މަސައްކަތް ކުރާނީ ދީނީ ހޭލުންތެރިކަމާ ދެކޮޅަށެވެ. އެއީ އެވެރިންގެ ޙަޤީޤީ ދުޝްމަނުކަން އެމީހުންނަށް ޔަޤީންވާތީއެވެ. އެޔާ ކުރިމަތިލި ލުމަކީ އެމީހުންނަށް ކުރެވޭނެކަމަކަށް ނުވާތީއެވެ. (ނުނިމޭ)

Advertisement

ކޮމެންޓް

Advertisement