ހުޅުމާލޭގެ ފްލެޓަކުން މަސްތުވާތަކެތި ހޯދައިފި

16 Jun 2019 | 12:57

ހުުޅުމާލޭގެ ފްލެޓަކުން މަަސްތުވާތަކެއްޗާއި އެކު ދެފަރާތެއް ހައްޔަރުކޮށްފިއެެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ޑީއީޑީއާއި ފުލުހުންގެ އިންޓެލިޖެންސުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނަކާއި 18 އަހަރުންދަށުގެ ފިރިހެން ކުއްޖެކެވެ.

އެގޮތުން ހުޅުމާލޭގައި ތިން ފްލެޓެއްގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތަކުރާރުކޮށް ފުލުހުންނަށް ލިބެމުންދިޔަ މަޢުލޫމާތުތަކާއި ގުޅިގެން ޖޫން 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ތިން ފްލެޓެއް ބަލައިފާސްކޮށްފައިވާއިރު އޭގެތެރެއިން ދެ ފްލެޓަކުން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އެގޮތުން އެތަނުން އެއް ފްލެޓުގެ ތެރެއިން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ ފުލުހުން އެފްލެޓަށް ވަނުމާއެކު ފާޚާނާއަށްވަދެ، އެއްޗެއް ފްލޭޝްކޮށްލާފައެވެ. އަދި އެޗްޑީސީގެ އެހީތެރިކަމާއެކު ފާޚާނާ ޖަންކްޝަން މަތިގަނޑު ނަގައި ބެލިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މީގެއިތުރުން އެފްލެޓް ބަލައިފާސްކުރިއިރު އެފްލެޓްގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި އެފްލެޓްގެ ކުޑަދޮރެއް ހުޅުވާފައި ހުރުމުން އެދިމާއިން އެއްޗެއް އުކާލާފައިހުރެދާނެކަމަށް ބެލެވިގެން އެފްލެޓާ ޖެހިގެންހުރި ފްލެޓްގެ ބޭރުފާރު ހިމެނޭ ސަރަހައްދު ބަލައިފާސްކޮށްފައިވެއެވެ. މި ސަރަހައްދު ބަލައިފާސްކުރިއިރު ފާރުގެ ގާގަނޑުމައްޗަށް އެއްލާލާފައި އޮތް ދެ ރަބަރު ޕެކެޓު ނަގައި ބަލައިފާސްކރުިއިރު އެއިން ކޮންމެ ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 26 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެކުއްޖާ ދިރިއުޅެމުންދާ ފްލެޓުންނެވެ. އަދި ފުލުހުން އޭނާ ހުއްޓުވައި ބެލެނިވެރިންގެ ހާޟިރުގައި އޭނާއާ ސުވާލުކުރުމުން އެގޭ ދެ ފާޚާނާގެ ސީލިންގގައި މަސްތުވާތަކެތި ފޮރުވާފައިކަމަށް ބުނެ އެތަކެތި ފުލުހުންނަށް ދައްކާފައިވެއެވެ. އެގޮތުން ދެ ފާޚާނާ ބަލައިފާސްކުރިއިރު ސީލިންގ ފިލާގަނޑު މަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 251 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement