ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި އަފްޣާނިސްތާނަށް!

Share on facebook
Share on twitter
Share on telegram
Share on whatsapp

އަފްޣާނިސްތާނުގައި މިހާރު ވެރިކަންކުރަމުންދާ ތާލިބާން ޖަމާޢަތާއެކު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، އަވައްޓެރި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހުމޫދު ޤުރައިޝީ އަފްޣާނަށް ވަޑައިގެންފިއެވެ.

އިއްޔެގެ ވަގުތެއްގައި ވައިގެ މަގުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އަފްޣާނިސްތާނަށް ވަޑައިގެންނެވިއިރު، ކާބުލްގެ ހާމިދު ކަރްޒާއީ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އަފްޣާނިސްތާނުގައި މިހާރު ޤާއިމްކޮށްފައިވާ ވަގުތީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީއެވެ. ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޝާހް މަހުމޫދު ޤުރައިޝީގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ދެމެދުގައިވާ ވިޔަފާރީގެ މުޢާމަލާތްތައް ހަމަ މަގަކަށް އެޅުވުމެވެ. މި ދެ ޤައުމު ހިއްސާކުރާ ބޯޑަރ މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުދަލުގެ ވިޔަފާރި ކުރެވޭއިރު، މިހާރު އެކަންތައް ވަނީ ކުރިއާއި އަޅާބަލާއިރު ވަރަށް ބޮޑަށް މަޑުޖެހިފައެވެ.

މިކަމުގެ ސަބަބުން ދެގައުމުގެ އާއްމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް ބުނެ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ވަކިން ޚާއްސަކޮށް، ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގައި ޗަމަން ބޯޑަރ ކްރޮސިންގ ބަންދުކޮށްފައި އޮތުމަކީ ގިނަ ވިޔަފާރިވެރިންނާއި އާއްމުންގެ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމެކެވެ. މިއީ ޕާކިސްތާނާ އަފްޣާނިސްތާނާއި ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުހިންމު މުޢާމަލާތްތައް ކުރެވޭ ބޯޑަރ ކްރޮސިންގއެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި، އަފްޣާނު-ޕާކިސްތާނު ބޯޑަރ ކްރޮސިންގތައް ދޭތެރެއަކުން ހުއްޓިގެންދެއެވެ.

މިވެސް ކިޔާލާ:

ޕާކިސްތާނުގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ޗަމަން ބޯޑަރ ކްރޮސިންގއާއި ބެހޭގޮތުން މަޝްވަރާތަކެއް ކުރެވިފައެވެ. މި މަޝްވަރާތަކުގައި އަފްޣާނުގެ ވަގުތީ ބޮޑުވަޒީރު މުއްލާ މުހައްމަދު ހަސަން އަޚުންދް އަދި ވަގުތީ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީފަދަ އިސްބޭފުޅުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. މަޝްވަރާތަކަށްފަހު ރިޔާސީ ގަނޑުވަރުގެ ބޭރުގައި ހުންނަވާ މީޑީއާތަކަށް މައުލޫމާތުދެއްވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހުމޫދު ޤުރައިޝީ ވިދާޅުވީ ދެފަރާތުންވެސް ބޯޑަރ ސަރަހައްދުގެ ހަރަކާތްތެރިކަމާއި ވިޔަފާރިއާއި ބެހޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ބާއްވާފައިވާކަމަށާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ތާލިބާނުންގެ ވަފްދެއް، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދާނެކަމަށެވެ.

ތާލިބާނުންގެ މީގެކުރީގެ ސަރުކާރުގައިވެސް އެފަރާތްތަކާއެކު ގުޅުންތައް ބޭއްވި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޕާކިސްތާނަށް، އެ ޖަމާޢަތާއި ގުޅުވައިގެން ވަރަށް ގިނަ ތުހުމަތުތަކެއް ކުރެވެއެވެ. އެގޮތުން ތާލިބާނުންނަށް ބޭނުންވާ ހަތިޔާރާއި ތަމްރީނަށް މަގުފަހިކޮށްދެނީ ޕާކިސްތާނުގެ އިންޓަރ ސަރވިސަސް އިންޓެލިޖެންސްއިން ކަމަށާއި، ތާލިބާނުންނަކީ ޕާކިސްތާނުގެ "ޕްރޮކްސީ"އެއްކަމަށް، ހުޅަނގާއި އިންޑިއާގެ ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެހެނަސް މި ތުހުމަތުތަކަށް ޕާކިސްތާނާއި ތާލިބާނުން އަބަދުވެސް އިންކާރުކުރެއެވެ. އަދި ތާލިބާނުންގެ ތެރެއިން ޕާކިސްތާނުގައި ހަރަކާތްތެރިވާ ސަބް-ގްރޫޕެއްކަމަށްވާ ތަހްރީކޭ ތާލިބާންއިން ވަނީ ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ދިން ހަމަލާތަކުގެ ޒިންމާވެސް ނަގާފައެވެ.

މީގެ އިތުރުން، ކާބުލްއަށް އާއްމުގޮތެއްގައި ޝެޑިއުލް ދަތުރުތައް ބާއްވަމުންދިޔަ ހަމައެކަނި އިންޓަރނޭޝަނަލް އެއާލައިންކަމަށްވާ ޕާކިސްތާނު އިންޓަރނޭޝަނަލް އެއާލައިންސްއިން މިދިޔަ ހަފްތާގައި ވަނީ އެ ފްލައިޓްތައް އުދުހުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. ޕާކިސްތާނުގެ ސަރުކާރުގެ ހިއްސާ އޮންނަ އެ އެއާލައިނުން ބުނީ ކާބުލްއަސް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ޖެހުނީ އެ އެއާލައިނުގެ މުވައްޒަފުންގެ މަސައްކަތަށް ތާލިބާނުން ހުރަސްއަޅައި އުނދަގޫ ކުރަމުންދާތީކަމަށެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.