ޕެންޝަން ފަންޑުން ހައްޖަށް ދެވޭތޯ ބެލޭނެގޮތް ހަމަޖައްސައިފި

17 Jun 2019 | 07:50

މޯލްޑިވްސް ޕެންޝަން ފަންޑު މެދުވެރިކޮށް ފަރުޟު ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންފުޅުވާ ފަރާތްތަކަށް، ހައްޖަށް ދެވޭތޯ ބެލުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޕެންޝަން އޮފީހުން މައުލޫމާތު ދޭގޮތުގައި ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި އަދަދު އެމެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަން އަދި ވެބްސައިޓުގެ އޮންލައިން ޕޯޓަލްއިން ބަލާލެވޭނެއެވެ.

އަދި މިސްކީމުގެ ދަށުން މީހުން ހައްޖަށް ގެންދިއުމަށް މިއޮފީހާއެކު އެއްބަސްވުން ޤާއިމުކޮށްފައިވާ ފަރާތްތަކުގެ ނަންތައް ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރާނެކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ހައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ހައްޖު އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގ އެކައުންޓު ބެލެންސްގެ ގޮތުގައި 336,000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ.

މީގެ އިތުރުން ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހުށަހަޅާފަރާތަކީ މިގަވާއިދުގެ ދަށުން މީހުން ހައްޖަށް ގެންދިއުމަށް މިއޮފީހާއެކު އެއްބަސްވުން ޤާއިމުކޮށްފައިވާ ފަރާތަކުން ހައްޖަށް ދިއުމަށް ކޯޓާ ހަމަޖެހިފައިވާ މީހަކަށްވުމާއި ގެދޮރުގަތުމަށް ޕެންޝަން އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ކޮލެޓަރަލައިޒު ކުރުމުން ނުވަތަ އެނޫންވެސް ސަބަބަކާ ހެދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރިފައިސާ ހިފެހެއްޓިފައި ނުވާ މީހަކަށް ވާންޖެހޭނެ ކަމުގައި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

މިގަވާއިދުގެ ދަށުން ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވަނީ ފައިސާ ދޫކުރުމަށް އެދޭ ފަރާތް ހައްޖަށް ދިއުމަށް ހުށަހަޅާ އަހަރު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ %50 އެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފަރުޟު ޙައްޖުވުމަށްބޭނުންވާ އަދަދުގެ ފައިސާ ހަމަވޭތޯ ބެލުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތް ކޮށްލައްވާ: 

https://www.pension.gov.mv/dv/hajj-eligibility

Advertisement

ކޮމެންޓް

Advertisement