Advertisement

މައްސަލައިގަ މަދުވީ އުދުހޭ މުސައްލައެއް އެކަނިކަމަށް ހިސާން ވިދާޅުވެއްޖެ

16 Oct 2018 | 02:35

ރައީސް ޔާމީން ފަރާތްޕުޅުން ރިޔާސީ އިންތިހާބު ބާތިލްކުރަން ސުޕްރީމްކޯޓަށް ހުށަހެޅުއްވި ހިޔާލީ ވާހަކައިގަ މަދުވަނީ ހަމައެކަނި އުދުހޭ މުސައްލައެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ވަކީލް ހިސާން ހުސެއިން މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އެންމެ ފަހު ވާހަކައެއްގެ ގޮތުގައި ވާހަކަ ދެއްކެވުމަށް ހިސާން އަށް ފުރުސަތުދެއްވުމުން ވިދާޅުވީ ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވަނީ ބޮޑު ހިޔާލީ ފަލްސަފާއެއް ކަމަށެވެ.

މި ފަލްސާގައި ލިޔެވޭ އަނގޮޓިތަކަކާއި ދެލި ނުހިފޭ ގަލަންތަކަކާއި ނުލިޔެވޭ ކަރުދާސްތަކެއްގެ ވާހަކަތަކެއް އައިސްފައިވާއިރު މަދުވަނީ ހަމައެކަނި އުދުހޭ މުސައްލައެއް ކަމަށް ހިސާން ވިދާޅުވި އެވެ.

މިއީ އެއްވެސް ހާލެއްގައި އިންތިހާބު އޮޅުވާލުމެއް އޮވެގެން ހުށައެޅި މައްސަލައެއް ނޫން ކަމަށާއި މީއީ ރައީސް ޔާމީން ބަލިވުމުން އުފެދުނު އުދާސްތަކެއް ކަމަށް ހިސާން ވަނީ ތުހުމަތު ކުރައްވާފައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނު ބޮޑުތަފާތަކުން ބަލިވާންޖެހުނީ ރައީސް ޔާމީން ވެރިކަންކުރެއްވި ގޮތުންކަމަށާއި އަދި އެއީ އިންތިހާބް ބާތިލް ކުރަން ޖެހޭ ނެ ސަބަބެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާންގެ އުދެހޭ މުސައްލައެއްގެ ވާހަކައަށް ރައްދުދެއްވާ ރައީސް ޔާމީންގެ ވަކީލް އައްބާސް ޝަރީފް ވިދާޅުވީ އުދުހޭ މުސައްލައެކޭ ބުނެ ޖޯކު ޖަހަނީ އެ ތުހުމަތުތައް އެހެން ކޮޅަކުން އަންނާތީ ކަމަށެވެ.

އިންތިހާބަށް ކެމްޕެއިން ކުރަމުންދިޔަ ދުވަސްވަރު އިދިކޮޅު ކޯލިޝަނުން އިލެކްޝަން ކޮމިޝަންގެ މައްޗަށް އެތައް ތުހުމަތުތަކެއް ކޮށްފައިވާކަން އައްބާސް ފާހަގަ ކުރެއްވިއެެވެ. އަދި އިދިކޮޅު ކޯލިޝަން އަށް މިހާރު ގަލަން ޖޯކަކަށް ވަނީ އެ ފަރާތްތަކުން ބޭނުންވި ގޮތަށް އަދަދުތައް އިލެކްޝަން ކޮމިޝަނުން ޖަހައިދިނުމުންތޯ އައްބާސް ސުވާލު އުފެއްދެވިއެވެ.

އިދިކޮޅު ކޯލިޝަންގެ ތުހުމަތުތަކުގެ ސަބަބުން އިލެކްޝަން ކޮމިޝަނަށް ކެންޕޭން ދުވަސްވަރު ނޫސް ބަޔާނެއް ނެރެން ޖެހުންކަމަށާއި މިފަހަރު ޕީޕީއެމްއިން ހަމަ އެ ތުހުމަތު އިލެކްޝަން ކޮމިޝަންއަށް ކުރުމުން ފްލޯކް ވާހަކައަކަށްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް