މައުމޫނަށް ޕީޕީއެމް ހަވާލުކޮށްދިނުމަށް އެދި ޕީޕީއެމްގެ އާންމު މެންބަރަކު ކޯޓަށް

16 Oct 2018 | 08:35

ޕީޕީއެމްގެ އާންމު މެންބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕީޕީއެމް ހަވާލުކޮއްދެއްވުން އެދި ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޕީޕީއެމުން މިދިޔަ މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސް، އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީ އެކަންކަމަށް ރިޔާއަތްކޮށެވެ.

މީގެއިތުރުން މައްސަލައިގެ ގޮތެއްނިމެންދެން ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް އަމުރެއް ނެރެދިނުމަށްވެސް ކޯޓުގައި އެދިފައިވެއެވެ.

އަހްމަދު ރަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިމައްސަލާގައި ވަކާލާތުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެވެ.

2016 ވަނަ އަހަރު ރައީސް ޔާމީނާއި ރައީސް މައުމޫންއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ހިނގައި ރައީސް މައުމޫން ވަނީ އެ ޕާޓީއިން ބޭރުކޮށްފައެވެ.

އަދި ހަމައެއަހަރު ސިވިލް ކޯޓުން ވަނީ ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރުމަށް ހުކުމްކޮއްފައެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް މައްސަލަ ނިންމާފައިވަނީ ރައީސް ޔާމިންއާއި އެއްކޮޅަށެެވެ.

Advertisement

ކޮމެންޓް