ގައުމުތަކާއި ގުުޅުން ބަދަހިކުރާއިރު ރާއްޖޭގެ ގަދަރު ހިފަހައްޓަންޖެހޭ: ރައީސް ސޯލިހު

19 Jun 2019 | 13:55

ގައުމުތަކާއި ގުުޅުން ބަދަހިކުރާއިރު ރާއްޖޭގެ ގަދަރު ހިފަހައްޓަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ ކަންކަމުގައި ބޭރުގެ ޤައުމުތަކާ ގުޅުން އުފައްދާއިރުވެސް، ރާއްޖޭގެ ޤަދަރާއި ޝަރަފު ހިފެހެއްޓުމަކީ ވެސް އެހާމެ މުހިންމު ކަމެއްކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން ޤައުމެއްކަމާއި ރާއްޖޭގެ ކަންތައްތައް ބައްޓަންކުރަންވާނީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް، ދިވެހި ރައްޔިތުން އެދޭ އަދި ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއަކީވެސް ބައިނަލްއަޤުވާމީ މުޖްތަމަޢުގެ ޙިއްޞާދާރެއްކަމަށްވާއިރު ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ހިނގާ އޮއިވަރުތައް ރާއްޖެއާ ހަމައަށްވެސް އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ބައިނަލްއަޤުވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ރާއްޖެއަށް އަމާންކަމާއެކު ދަތުރުކުރެވޭނީ، އެންމެން އެކުގައި ވިސްނުންތެރިކަމާއެކު އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަފީރުންގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ދިވެހި ކިޔަވާކުދިންނަށް ދޭންޖެހޭ ކޮންސިއުލަރ ޚިދުމަތްތައް ފަސޭހަކޮށްދިނުމާއެކު، އެޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައެވެ. މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ސަފީރުންނަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ބޭރު ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަފީރުންގެ ކަންކަން ހަރުދަނާކުރުމާއި، ސަފީރުންގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރައްވައި އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމާއެކު ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅުން ބަދަހިކުރެއްވުން ހިމެނެއެވެ.

Advertisement

ކޮމެންޓް