ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު

19 Jun 2019 | 13:08

ދިވެހި ޚާރިޖިއްޔާގެ ބުރަ މަސައްކަތުގެ ސަބަބުން ބައިނަލްއަގްވާމީ މަޝްރަހުގައި އަނެއްކާވެސް ރާއްޖެ ބަަލައިގަންނަން ފަށައިފިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފޮރިން މިިނިސްޓްރީގައި މިއަދު ފެށުނު ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ މަތިން ދިވެހި ޚާރިޖިއްޔާއިން މަސައްކަތްކުރަމުން ދަނީ ދިވެހި ގައުމާއި ދިވެހިންނަކީ ފުދުންތެރި، ފަޚުުރުވެރި ބަޔަކަށް ހެދުމަށްކަމަށެވެ. އަދި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"‎ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރަންޖެހޭ. ދުނިޔޭގެ ތަފާތު ކަންކޮޅުތަކަށް ފަތުރުވެރިކަން ފުޅާކޮށް އާ މާކެޓުތައް ހޯދަންޖެހޭ. އާ ގޮތްތަކާއި އާ އާލާތް ތަކުގެ ބޭނުން ހިފައިގެން، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަޔާއި، އިންވެސްޓްމަންޓުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިތުރަށް ތަރައްޤީކުރަންޖެހޭ. މި ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި އިޤްތިޞާދީ އަދި އުމްރާނީ ތަފާތު ކަންކަމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ މަންޒިލެއްގެ ގޮތުގައި ކުރިއަރުވަންޖެހޭ. ދިވެހިންނަކީ ދުނިޔޭގެ ބޮޑެތި ޖަމްޢިއްޔާތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވެވޭނެ، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ބަސް ބުނާނެ، ބަސް ވިކޭ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތްކޮށް، އެގޮތުގައި ރާއްޖެ ކުރިއަރުވަން ޖެހޭ"، ޝާހިދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި މަސައްކަތުގައި ދިވެހި ޚާރިޖިއްޔާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ.

އެކަމުގެ ‎ނަތީޖާއެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ދަނީ ލުއި ލިބި އިތުރު މަގުތައް ކޮށި ވިޔަފާާރިތައް ދަނީ ފުޅާވަމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތަރައްޤީގެ މަޝްރޫޢުތައް ދަނީ ކުރިއަށް. ބައިނަލް އަޤްވާމީ މަޝަރަޚުގައި ރާއްޖެބަލައިގަންނަން ފަށައިފި. ޤައުމުގެ ކުރިމަގު އަލިކޮށް ފެންނަންފަށައިފި"، ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރު ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަފީރުންގެ ކަންކަން ހަރުދަނާކުރުމާއި، ސަފީރުންގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރައްވައި އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމާއެކު ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅުން ބަދަހިކުރެއްވުން ހިމެނެއެވެ.

Advertisement

ކޮމެންޓް