މެޖިސްޓްރޭޓް ރާގިބު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށްބުނާ މައްސަލައެއް ބަލަނީ

19 Jun 2019 | 23:10

ކ.އަތޮޅުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު، ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.

ޖޭއެސްސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަހީން ވިދާޅުވީ މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ބަލަން މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ފަސް މެމްބަރުންގެ ކޮމިޓީ އެއް ނަގާފައިވާ ކަމަށެވެ.

އެ ކޮމެޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަނުގެ ހަތަރު މެމްބަރުން ކަމަށްވާ އަބްދުއްރައޫފު އިބްރާހިމް، މުހައްމަދު އީސާފުޅު، އިބްރާހިމް ރިފްއަތުގެ އިތުރުން ހިސާން ހުސައިން އެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މެޖިސްޓްރޭޓް ރާޣިބުގެ މައްޗަށް ހުށައެޅިފައިވާ މައްސަލަތަކަކީ އަންހެން މުވައްޒަފުންނާއި މާ ބޮޑަށް ގައިގޯޅިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި އަންހެން މުވައްޒަފުންގެ ގައިގައި އަތްލާ ހެދިކަމަށް ބުނާ މައްސަލައެކެވެ.

މިތުހުމަތު ތަކާއި ގުޅޭގޮތުން ރާޣިބުގެ ފަރާތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ފޮޓޯ: ސަން އޮންލައިން

Advertisement

ކޮމެންޓް