ވަކި ޗެނަލަކަށް އަމާޒުކޮށް ފިޔަވަަޅުތައް އެޅުނު: ޝަހީބު

20 Jun 2019 | 11:42

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މަސައްކަތްތަކުގައި ވަކި ޗެނަލްތަކަކަށް އަމާޒުކޮށް ފިޔަވަޅު އެޅުނުކަމަށް އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިއުތިރާފު ވެވަޑައިގެންފިއެވެ.

ޝަހީބު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ވަކިވަކި ޓީވީ ސްޓޭޝަނަކަށް ނުވަތަ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ކޮމިޝަނުން މައްސަލަތައް ބަލައި ޖޫރިމަނާ ކޮށްފައިވާނެކަމަށާއި، އެގޮތަށް އަމަލުކޮށްފައިވަނީ މެންބަރުން އަމިއްލަ އަށް އިސްނަގައިގެން ވަކި ޗެނަލްތަކުގެ މައްސަލަ ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ.

ޝަހީބު ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތަކުގައި ވަކި ގޮތެއް ކަނޑައަޅަން ނަގައި ވޯޓުގައި ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓެއް ނުދެވޭތީ، ޖޫރިމަނާ ކުރި ގިނަ މައްސަލަތަކުގައި އޭނާ ވޯޓުދެއްވާފައެއް ނުވާނެއެވެ.

ނަމަވެސް ކޮމިޝަންގެ އަހުލަބިއްޔަތުން ނިންމާ ނިންމުމެއް ތަންފީޒު ކުރެއްވުމަކީ ރިޔާސަތުގެ އިންނަވާ ބޭފުޅެއްގެ ޒިންމާއަށް ކަމަށްވާތީ ނިންމުންތައް ތަންފީޒުކުރެއްވީ ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި އެހެން ދިމާވީ ކޮމިޝަންގެ މެންބަރުންގެ އިހުލާސްތެރިކަމެއް ނެތި ސިޔާސީ ނުފޫޒު ފޯރާފައިވާތީކަމަށް ޝަހީބު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް