އާޖެންޓީނާ މުބާރާތުން ކަޓާފާނެކަމުގެ ބިރު ބޮޑުވެއްޖެ

20 Jun 2019 | 08:31

މިހާރު ކުރިއަށްދާ ކޯޕާ އެމެރިކާގައި އާޖެންޓީނާ ކުޅުނު ދެވަނަ މެޗުންވެސް ތިން ޕޮއިންޓް ކަށަވަރު ނުކުރެވި މުބާރާތުން ވަކިވާން ޖެހިދާނެކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ. ޕެރެގުއޭއައި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗް ނިމުނީ 1-1 ކުން އެއްވަރުވެގެންނެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އާޖެންޓީނާއަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ވާދަވެރިކޮށް ފެނުނު ޕެރެގުއޭވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ލީޑް ހޯދައި އާޖެންޓީނާ ޕްރެޝަރަށް ވައްޓާލާފައެވެ. ޕެރެގުއޭއިން ކުރި ހޯދީ 37 ވަނަ މިނެޓުގައި ރިޗާޑް ސަންޗޭޒްގެ ގޯލާއެކީއެވެ.

އާޖެންޓީނާގެ ފަރާތުން އެދެވޭ ކުޅުމެއް މި މެޗުގައި ފެނިގައިނުވާއިރު އެޓީމުން ކާމިޔާބުކުރި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން މެސީ ޖަހައިދިން ގޯލެކެވެ. މި ޕެނަލްޓީއަކީ ވީއޭއާރް މެދުވެރިކޮށް އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެކެވެ.

ދެޓީމުގެ ގޯލުތަކަށްފަހު ދެވަނަ ގޯލެއް ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ފަހިވީ ޕެރެގުއޭއަށެވެ. 62 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުނުއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގައި ނަތީޖާ އޮވެގެންނެވެ.

މި ގުރޫޕުގައި ކުޅެވުނު އަނެއް މެޗުގައި ކޮލޮމްބިއާވަނީ 1-0 ގެ ހަނި ނަތީޖާއަކުން ގަތަރުގެ މައްޗަށް ކުރި ހޯދާފައެވެ.

އެއް ޕޮއިންޓާއެކު ގުރޫޕް ބީގެ ފުލުގައި އާޖެންޓީނާ އޮތްއިރު ހަ ޕޮއިންޓް ހަމަކޮށްގެން ކޮލޮމްބިއާ އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. 

Advertisement

ކޮމެންޓް