Advertisement

ރަސްމާދޫ ފަޅުތެރެ ސާފުކުރީ ކުޑަކުދިންތަކެއް!

30 Jun 2019 | 17:39

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކުން ދިވެހި ވެށި ތަޣައްޔަރުވަމުންދާކަމީ އެކަމާއި މެދު އެންމެން އެއްބަސްވާން ޖެހޭ ކަމެކެވެ. އެކަމުގެ ނުރައްކަލުން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު، އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ވަކި ވަކި ފަރުދުންނަށެވެ. ވެށި ސާފުކޮށް ބޭއްވުމުގައި ވީ މިންވަރަކުން ބައިވެރިވެގެންނެވެ.

މިފަހަކަށް އައިސް ޖަމްއިއްޔާތަކާއި އަމިއްލަ ފަރުދުން އިސް ނަގައިގެން ވެށި ސާފުކުރުމުގެ ބޮޑެތި ޕްރޮގްރާމްތައް ބާއްވަމުންދެއެވެ. އެކަމުގެ ހެޔޮ ނަތީޖާތައް ފެންނަމުންދާއިރު، އެފަދަ ޕްރޮގްރާމްތަކުން ގިނަބަޔަކު ދަނީ ވެށި ސާފުކޮށް ބޭއްވުމަށް ޝައުގުވެރިކަން ދައްކަމުންނެވެ.

މިއީވެސް އެފަދަ ލާމަސީލު މިސާލެކެވެ. ރ.ރަސްމާދޫގެ ފަޅުތެރެ ސާފުކުރުމުގެ ކުޑަ ހަރަކާތެކެވެ. މި ހަރަކާތުގައި އެހެނަސް ތަފާތުކަމެއްވެއެވެ. މިފަަހަރު އެރަށުގެ ފަޅުތެރެ ސާފުކުރީ ކުޑަކުދިންތަކެކެވެ.

ފަޅުތެރޭގައި އޮތް ކަނދެއްގެ މަތީގައި ތިބެ، އެތަނުގައި ހުރި ޕްލާސްޓިކް ފުޅިއާއި އެހެނިހެން ކުނިބުނި އެކުދިން ނަގައި ހެދި ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވަމުންދެއެވެ. މިއާއި އެކު އެކުދިންނަށް ގިނަބަޔަކު ދަނީ ތައުރީފުކޮށް ވާހަކަދައްކަމުންނެވެ.

ކުޑަކުދިންނަށް ވީ މިންވަރަކުން އެކުދިންގެ ވެށި ސާފުކޮށްފިއެވެ. ތިމާވެއްޓާއި މެދު އޮތީ އުޖާލާ މުސްތަގްބަލެއްކަން ދައްކުވައިދީފިއެވެ. އެ މުސްތަގްބަލް ކިލަނބު ނުކުރަމާތޯއެވެ! ތިމާވެށި ރައްކާތެރިކުރަމާ ތޯއެވެ!

Advertisement

ކޮމެންޓް

Advertisement