"ދަ ލެގަސީ" އިވެންޓް ޖުލައިމަހު ބާއްވަނީ

24 Jun 2019 | 06:36

ރާއްޖެއިން ބޭރުގައި އިސްލާމްދީނުގެ ދަޢުވަތު ފެތުރުއްވުމުގައި ހަރަކާތްތެރިވާ ޢިލްމުވެރިން ރާއްޖެ ގެނެސް ކުރިއަށް ގެންދާ "ދަ ލެގަސީ" އިވެންޓް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަންއިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވި އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޞަބާހް ވިދާޅުވީ ޕީސް ފައުންޑޭޝަންގެ ލެގަސީ އިވެންޓް ޖުލައި މަހު ކުރިއަށް ގެންދިޔުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ޖުލައި މަހުގެ 4 ން 8 ށް ލެގަސީގެ އިވެންޓުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޞަބާހް ވިދާޅުވީ "ދަ ލެގަސީ" އިވެންޓަކީ 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އިވެންޓެއް ކަމަށާއި މިފަހަރު މިބާއްވަނީ މިސިލްސިލާގެ ހަތަރުވަނަ އިވެންޓެވެ.

މިފަހަރުގެ ލެގަސީ އިވެންޓުގައި ތަޤްރީރު ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އައިރިސް ދަރިކޮޅަށް ނިސްބަތްވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީއެވެ.

"ދަ ޕަވަރ އޮފް ރިޕެންޓެންސް" މައުޟޫއަށް ޝައިޚް މަކާރިޘީ ކުރައްވާ ތަޤްރީރު އޮންނާނީ ޖުލައިމަހުގެ 5 ވާ ހުކުރުދުވަހުގެރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ.

"ދަ ލެގަސީ" އިވެންޓް ކުރިއަށް ގެންދާ ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ.

Advertisement

ކޮމެންޓް