Advertisement

އާޖެންޓީނާ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފި

24 Jun 2019 | 07:17

މިހާރު ކުރިއަށްދާ ކޯޕާ އެމެރިކާގައި އާޖެންޓީނާ ގުރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗުން މޮޅުވެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ. ގަތަރައި ދެކޮޅަށް ކުޅުނު މެޗް އާޖެންޓީނާ ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

ހަތަރުވަނަ މިނެޓުގައި ގަތަރުގެ ޑިފެންސްއިން ހެދި ގޯހެއްގެ ފައިދާ ނަގާ އިންޓަ މިލާނަށް ކުޅެމުން އަންނަ ހާވިއޭ މާޓީނޭޒްވަނީ އާޖެންޓީނާއަށް ކުރި ހޯދަދީފައެވެ.

ފުރަތަމަ ގޯލް ކާމިޔާބުކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އާޖެންޓީނާއަށް ފުރަތަމަ ހާފް ނިމުނުއިރުވެސް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ބޮޑުބައި މާ ބޮޑު ފޯރިއެއް ނެތި ނިމިގެންދިޔައިރު އެކަން ބަދަލުވެގެން ދިޔައީ 76 ވަނަ މިނެޓުގައި އާޖެންޓީނާ އަދި ޔުވެންޓަސްގެ ތަރި ޑިބާލާ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ހިސާބުންނެވެ.

މި ބަދަލާއެކު ފެނިގެންދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އާޖެންޓީނާ އުފައްދަމުން ދިޔަ މަންޒަރެވެ. އޭގެ ނަތީޖާއަކަށްވީ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޑިބާލާ ދިން ޕާހަކުން ސާޖިއޯ އަގުެޭރޯ ގަތަރުގެ ޑިފެންޑަރުންތަކެއް ކައިރިން ބޯޅަ ހިފައިގެން ގޮސް ކާމިޔާބުކުރި ގޯލުން އާޖެންޓީނާގެ ލީޑް ދެ ގޯލަށް ފުޅާވުމެވެ.

މި ނަތީޖާއާއެކު އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ މަގާމް ކަށަވަރު ކޮށްގެނެވެ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކީ މި ގުރޫޕުގެ އެއްވަނަ މަގާމުގަ އޮތީ ކޮލޮމްބިއާއެވެ. 

ކުއާޓާ ފައިނަލުގައި އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވަނީ ވެނެޒުއެލާއައި ދެކޮޅަށެވެ. 

Advertisement

ކޮމެންޓް