ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ކަޅި މެންޗެސްޓާ ޔުނައިޓެޑަށް

16 Oct 2018 | 05:59

ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން އިނގިރޭސިވިލާތަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް އިންވެސްޓްކޮށް އެ ކުލަބް ގަންނަން އުޅޭ ވާހަކަތައް މީޑިއާއިން ފެންމަތިކޮށްފިއެވެ.

ޔުނައިޓެޑުގެ ހިއްސާގެ 97 އިންސައްތަ ކޮންޓްރޯލް ކުރަނީ އެމެރިކާއަށް ނިސްބަތްވާ ގްލޭޒާ އާއިލާއިންނެވެ. ގްލޭޒާ އާއިލާ އަތުން ކުލަބް ގަތުމަށް ތިން ބިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހޭނެކަމަށް ލަފާކުރެވެއެވެ.

ކަމާއި ބެހޭ މާހިރުން ގަބޫލުކުރާ ގޮތުގައި ސައުދީގެ ޕްރިންސް ސަލްމާން ޔުނައިޓެޑް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްގެން އުޅުއްވަނީ މެދުއިރުމަތީގެ ވާދަވެރިން ކަމުގައިވާ އަބޫދާބީގެ ހިއްސާ އޮންނަ މެންޗެސްޓާ ސިޓީ އަދި ގަތަރުގެ ހިއްސާ އޮންނަ ޕީއެސްޖީ އާއި ވާދަ ކުރުމަށްޓަކައެވެ.

ޕްރިންސް މުހައްމަދު ބިން ސަލްމާން 2030 އަށް ދެކެވަޑައިގަންނަވާ ތަސައްވަރުގެ ދަށުން ސައުދީގައި ފުޓްބޯޅަ ކުރިއެރުވުމަށް ޔުނައިޓެޑް އަދި ސައުދީ އަރަބިއްޔާގެ ޖެނެރަލް ސޯޕްޓްސް އޮތޯރިޓީއާ ދެމެދު މީހަރުވެސް ވަނީ އެއްބަސްވުމެއްގައި ސޮއި ކުރެވި އެކަން ދަނީ ތަންފީޒު ކުރެވެމުންނެވެ.

ގަބޫލުކުރެވޭ ގޮތުގައި ސައުދީއިން ބޭނުންވަނީ މިގުޅުން އިތުރަށް ހަރުދަނާ ކުރުމަށެވެ.

ޕްރިންސް މުހައްމަދު ބިން ސަލްމާނާއި ޔުނައިޓެޑުގެ މިވާހަކާތަކާއި ގުޅިގެން ޔުނައިޓެޑުގެ ހިއްސާގެ އަގު ވަނީ ފަސް އިންސައްތަ މައްޗައް އަރާފައެވެ.  

Advertisement

ކޮމެންޓް