އެމްއެންޔޫގެ ފެކަލްޓީ އަކަށް އައިޔޫއެމް ހަދަން ނުޖެހޭ 7 ސަބަބު ޑރ ޝަހީމް ހާމަކުރައްވައިފި

29 Jun 2019 | 00:37

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އަކަށް އިސްލާމީ ޔުނިވަރސިޓީ ހަދަން ނުޖެހޭ ސަބަބު ތައް ކުރީގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދް ހާމަކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އިސްލާމިކް ޔުނިވާސިޓީ އުވާލުމަށް މަޖިލިސްގައި އެމްޑީޕީ ތަމްސީލް ކުރައްވާ ހިސާން އަދި އިމްތިޔާޒް ދެއްކެވި ވާހަކައަށް ރައްދުދެއްވައި ޑރ. ޝަހީމްގެ ފޭސްބުކް ސްޓޭޓަސްގައި ވަނީ ވަރަށް ތަފްސީލްކޮށް އިސްލަމިކް ޔުނިވާސިޓީ އުވާނުލާންޖެހޭ ސަބަބުތައް ހާމަކުރައްވާފައެވެ.

އެގޮތުން ތިރީގައި މިވަނީ ޑރ. ޝަހީމްގެ ހާމަކުރެއްވި 6 ސަބަބެވެ.

1- ރާއްޖޭގައި މުސްތަޤިއްލު އިސްލާމީ ޔުނިވަރސިޓީ އެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެއީ ރާއްޖެއާއި އިސްލާމީ އުންމަތާ ގުޅުވާލަދޭނެ ފާލަމެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ރަމްޒުކޮށްދޭ މަތިވެރި ނިޝާނެކެވެ.

2- އިސްލާމީ ޚިލާފީ މައްސަލަތަކުގައި ޢިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް އިސްލާމީ ޔުނިވަރސިޓީ ވުމެވެ.

3- ޔުނިވަރސިޓީގެ ޕްލޭންގައި ވާ ގޮތަށް ޔުނިވަރސިޓީ ތަރައްޤީ ކުރެވިއްޖެ ނަމަ ޔުނިވަރސިޓީ ވެގެންދާނީ ރާއްޖެއަށް އިޤުތިޞާދީ ގޮތުން ވެސް ފައިދާ ކުރާނެ ތަނަކަށެވެ. އެއީ ބައިނަލްއަޤުވާމީ ދަރިވަރުންނަށް ހުޅުވާލުމެވެ. މެލޭޝިޔާފަދަ ޤައުމަކަށް ރާއްޖެ ވެގެންދާނެއެވެ. ރާއްޖޭގެ ޔުނިވަރސިޓީ އަކީ ޓްރެޑިޝަނަލް ޔުނިވަރސިޓީ އެއް ނޫނެވެ. އެއީ މޮޑަން ތަނެކެވެ. ގިނަ ބަޔަކު ރާއްޖެއަށް ކިޔަވަން އަންނަން ބޭނުންވެއެވެ.

4- އިސްލާމީ ތަޢުލީމު ކުރިއަރުވަން އެނގޭނީ އިސްލާމީ ތަޢުލީމުގެ ތަޚައްޞުޞް މީހުންނަށެވެ. ޤައުމީ ޔުނިވަރސިޓީގެ ވެރިންނަކީ އިސްލާމީ ތަޢުލީމުގެ ތަޚައްޞުޞް މީހުން ނޫން ކަމުން، އެމީހުންގެ ދަށުގައި މިޒަމާނަށް ފެތޭގޮތައް އިސްލާމީ ފެކަލްޓީ އެއް ތަރައްޤީކުރެވިގެން ހިގައިދާނެ ކަމަށް ނުދެކެމެވެ. މިހާރު ވެސް އެތަނުގައި ހުރި އިސްލާމީ ފެކަލްޓީ ތަރައްޤީ ކުރަން އޮތް ހުރަހަކީ އެއީއެވެ. އަދި އެތަނުގައި ހުރި ޤާނޫނީ ފެކަލްޓީ އުިވާލައި ޤާނޫނީ ފެކަލްޓީ އާއި އިސްލާމީ ފެކަލްޓީ އެއްކުރުމަކީ ދުނިޔޭގެ އެއްވެސް ޔުނިވަރސިޓީ އަކުން ކޮށްފައިވާ ކަމެއްނޫނެވެ. އެއީ ޕްރޮފެޝަނަލް ގޮތެއް ވެސް ނޫނެވެ. ޤާނޫނީ ފެކަލްޓީއަކީ ވަކި މުސްތަޤިއްލު ފެކަލްޓީއެއްގެ ގޮތުގައި ހުންނަންޖެހޭނެ ތަނެކެވެ. ޤާނޫނީ ފެކަލްޓީގެ ޑީން އަކަށް ހުންނަންޖެހޭނީ ވެސް ޤާނޫނީ ޢިލްމުގެ ބޭފުޅެކެވެ. ޕްރޮފެޝަނަލް އުޞޫލަކީ އެއީއެވެ. އިސްލާމީ ފެކަލްޓީއަކީ ތަފާތު ތަނެކެވެ. އެތަނުގެ ޑީން އަކަށް ހުންނަންވާނީ އިސްލާމީ ޢިލްމުގެ ބޭފުޅެކެވެ.

5- ޤައުމީ ޔުނިވަރސިޓީ އިން އަދާކުރަމުންދަނީ ޤައުމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތެވެ. ޤައުމީ ޔުނިވަސިޓީގެ ޚިދުމަތަކީ ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިކަމާއެކު ބަލައިގަންނަންޖެހޭނެ ކަމެކެވެ.

6- އުޞޫލީ ބަދަލެއް ގެންނަން ބޭނުން ނަމަ ކުރަންވީ ކަމަކީ ޤައުމީ ޔުނިވަރސިޓީގައިވާ އިސްލާމީ ކުއްލިއްޔާ އުވާލައި އިސްލާމީ ޔުނިވަރސިޓީގެ ދަށަށް އެބައި ގެނައުމެވެ. ޤައުމީ ޔުނިވަރސިޓީގައި އޮންނަންވީ ހަމަ އެކަނި އިސްލާމީ ތަޢުލީމުގެ ޕޯސްޓް ގްރެޖުއޭޓް ބައެވެ. ނުވަތަ ޕީއެޗްޑީ ބައެވެ. އިސްލާމީ ޔުނިވަރސިޓީގައި ވެސް ޕީއެޗްޑޭ ހެދޭ ނެއެވެ. މިއީ ބްރޫނާއިގެ މޮޑެލެވެ. އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށް އެންމެ މުނާސިބުގޮތަކީ މިއެވެ. ބުރޫނާއިގައި ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީ އުފެދުމާއެކު އެޤައުމުގެ ޤައުމީ ޔުނިވަރސިޓީ (ޔުނިވަރސިޓީ ބްރޫނާއި ދާރުއްސަލާމް- ޔޫބީޑީ) އިން އިސްލާމީ ތަޢުލީމުގެ އަންޑަރ ގްރެޖުއޭޓް ބައި އުވާލީއެވެ. އެހެން ކަމުން އެޤައުމުގައި ދައުލަތުގެ ދެ ޔުނިވަރސިޓީ ހުރެއެވެ. އެއީ އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީއެވެ.


Advertisement

ކޮމެންޓް

Advertisement