ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކުރުމަށް ފުލުހުން އިހުމާލުވިކަމަށް ބުނެ އެމައްސަލަ ބަލަނީ

24 Jun 2019 | 18:54

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ، އެމައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ ރިލްވާން ގެއްލުވާލި މައްސަލައިގައި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ރިޕޯޓަށް ހުށަހެޅުއްވި އިސްލާހެއްގައެވެ. މި އިސްލާހު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރިލްވާން ގެއްލުނު މައްސަލަ ބެލުމަށްފަހު ނިންމަވާފައިވަނީ، އެމައްސަލައަކީ ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކަށްވާތީ އެ މައްސަލަ އިތުރަށް ދިރާސާނުކޮށް ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.

މިރިޕޯޓަށް ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ މިމައްސަލައިގައި މިހާރު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުންގައި ފުލުހުންގެ އިހުމާލުގެ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތެއް ނެތްކަމަށެވެ.

ހިސާން ހުށައެޅުއްވި ހުށައެޅުމަށް ތާޢީދުކުރެއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހަމޫދުއެވެ. މި މައްސަލަ މަޖިލީހުން ބެލުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުގެ އިއްތިފާގުންނެވެ.

Advertisement

ކޮމެންޓް