Advertisement

ބާރުގެ ބޭނުންކުރީ ގައިދީން ގޮޅިތަކަށް ވައްދަން: ކަރެކްޝަން

25 Jun 2019 | 14:51

ރޭގެ ވަގުތެއްގައި މާފުށީ ޖަލުގައި ޕޭޕާސްޕްރޭ ޖަހައި ބާރުގެ ބޭނުންކުރީ އޮފިސަރުންނަށް ކިޔަމަން ނުވި ގައިދީން ގޮޅިތަކަށް ވެއްދުމަށް ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިމަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުމަށް ފަހު ބައެއް ގައިދީން ރޭވެސް ޖަލުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

އެހެންކަމުން ޖަލުގެ އާންމު މަސްލަހަތު ގެއްލެމުންދާތީ ރޭގެ ވަގުތެއްގައި، ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް ނުކިޔަމަންތެރިވި ހުރިހާ ގައިދީން އެމީހުންގެ އާންމު ހާލަތުގައި ތިބެންޖެހޭ ގޮޅިތަކަށް ވައްދާފައިވާކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

އަދި އެ އޮޕަރޭޝަން ހިންގަންފެށުމުން ގިނަ ގައިދީން އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

ހަމަނުޖެހުމާއި ގުޅިގެން ޖަލުގައި ތިބި ބައެއް ގައިދީންނާއި ބަންދުގައި ތިބި މީހުން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާ ކޮށްފައިވާ ކަމަވެސް ކަރެކްޝަނުން ބުންޏެވެ.

އަދި ޖަލުގެ އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ޖަލުގެ ގަވައިދުތަކަށް ބޯ ނުލަނބައި، ރޭގަނޑު ގޮޅިތަކަށް ވަންނަންޖެހޭ ގަޑިއަށް ވަނުމަށް އިންކާރުކުރި ކަމަށާއި ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރުދިނުމުން ވެސް ކިޔަމަންތެރިވެފައި ނުވާކަމަށް ކަރެކްޝަނުގެ ބަޔާނުގައި ވެއެވެ.

ކަރެކްޝަނުން ބުނީ އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެ، ގޮޅިތަކަށް ވަނުމަށް އިންކާރުކުރި ގައިދީން ގޮޅިތަކަށް ވެއްދުމަށް ހިންގި އޮޕަރޭޝަން ހިނގަމުންދިޔަ ގޮތް ފެށުނީއްސުރެ ނިމެންދެން ވީޑިއޯކޮށްފައިވާނެ ކަމަށެވެ.

މާފުށީ ޖަލުގައި ރޭވަނީ ހައިހޫނުކަމުގެ ހަޅުތާލެއްކޮށްފައެވެ. ޖަލުގައި ހިންގި ހަމަނުޖެހުމަށްފަހު މިއީ ޕެޕާސްޕްރޭ ބޭނުންކުރި ދެވަނަ ފަހަރެވެ.

Advertisement

ކޮމެންޓް