ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

25 Jun 2019 | 15:12

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުގެ މައްސަލަ އިތުރަށް ދިރާސާކުރަން ފެންނަ ކަމަށް ކަނޑައަޅައި، ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހޅުއްވައި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ލަތީފު ތާއީދުކުރެއްވި އެމައްސަލައިގައި މަޖިލީހުގައި ބަހުސްކުރައްވަމުން މުހައްމަދު އަސްލަމް ވިދާޅުވީ ހުށަހެޅުއްވީ ފަނޑިޔާރު ވަކިކުރަން ނިންމުމުގެ ކުރިން ޖޭއެސްސީން އޭނާގެ މައްސަލައިގައި އަމަލު ކުރި ގޮތް ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމަށެވެ. ނަމަވެސް ގިނަ މެންބަރުން ވަނީ އިބްރާހީމް ރަޝީދު ވަކިކުރަން މިއަދު ފާސްކުރުމަށެވެ.

އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަަތަމަ ފަހަރެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓްގައި ވިދާޅުވެފައި ވަނީ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު އޭނާގެ ގޭގެ ކުރިމަތީ ހުރެގެން އެގޭ ކުރިމައްޗަށް ވާގޮތަށް ހުރި ގދ.ތިނަދޫ އަންހެނަކާއި ދިމާލަށް އާއްމު ތަނެއްގައި ހަޑި ހުތުރު އެއްޗެހި ގޮވާ "ޒިނޭކޮށް ނަހަލާލަށް ބަލިވެއިނދެ ދަރި ވައްޓާލާފައި" ހުރި މީހެއް ކަމަށް ބުނެ އެހިސާބުގަނޑު މީހުންގެ ކުރިމަތީގައި އަޑުގަދަކޮށް ހަޑި ހުތުރު އެއްޗެހި ގޮވާ ހަޅޭއްލަވާފައި ވާކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން އެއް ވެސް ފަނޑިޔާރަކު އެއްވެސް ތަނެއްގައި އެ ފަނޑިޔާރެއްގެ އަބުރާއި ކަރާމަތާއި އިހުތިރާމް ކެނޑޭ ފަދަ އެއްވެސް ގޮތަކަށް އަމަލުކޮށްގެނެއް ނުވާނެއެވެ.

މިމައްސަލަ ޖޭއެސްސީއަށް ހުށަހެޅީ 2013 ވަނަ އަހަރު އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ކުރިއަށް ގެންގޮސް ރިޕޯޓް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިއަހަރުގެ ޖަނަވަރީ 31 ގައެވެ.

Advertisement

ކޮމެންޓް