ހާލަތު ބަދަލުކުރުމުގައި ޒުވާނުންގެ ދައުރަކީ އިސް ދައުރެއް: ރައީސް

15 Sep 2018 | 17:59

ހާލަތު ބަދަލުކުރުމުގައި ޒުވާނުންގެ ދައުރަކީ އިސް ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑު އަތޮޅާއި، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުވައްމުލައް ސިޓީއަށް ވަޑައިގެން 5 މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ޤައުމެއް ވެސް ކޮންމެ ރަށެއް ވެސް ކޮންމެ މުޖުތަމަޢެއް ވެސް ކުރިއަރާ ދާނީ ޒުވާނުންގެ ހިތްވަރާއި ޒުވާނުންގެ ހުރި ކެރުންތެރިކަމުގެ ސަބަބުން ކަމަށެވެ.

މާލެ ސިޓީ ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު މާލެއަށް އައިސްފައިވާ ތަރައްޤީގެ ސަބަބުން އުއްމީދު އާވެ، މާލެއަކީ މިހާރު ދިރުންހުރި ނަމޫނާ ސިޓީއެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިސަރުކާރުން ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، މިހާތަނަށް ލައްކައަކާއި ގާތް ކުރާ އަދަދަކަށް މިސަރުކާރުން ވަޒީފާގެ ފުރުސަތު އުފައްދަވާފައިވާ ކަމަށެވެ. އަދި މިވަޒީފާތައް އަދާކުރާ 99 އިންސައްތަ މީހުންނަކީ ދިވެހިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރުއްޔާ ވަނީ ކުރިއަށް އޮތް ތާނގައި ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި އެއްލައްކަ ފަސްދޮޅަސް ހާސް ވަޒީފާ އުފައްދަވާނެކަން ފާހަގަކުރައްވައިފައެވެ.

Advertisement

ކޮމެންޓް

Advertisement