Advertisement

ސްޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ގެންދަން ބިލެއް ހުށަހަޅައިފި

25 Jun 2019 | 17:41

ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބެލުމުގެ ދަށަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.

ޖޭއެސްސީގެ ގާނޫނަށް އެ ބަދަލު ގެނައުމަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މިއިސްލާހު ފާސްވެއްޖެނަމަ މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑީޖޭއޭ ޖޭއެސްސީގެ ދަށަށް ބަދަލުވެގެންދާނެއެވެ.

ޖޭއެސްސީގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސިރާޖު ހުށައެޅުއްވި ބިލްގައި ވެސް އޮތީ އާ ޑީޖޭއޭ ހިންގާނީ ޗީޕް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ކަމަށެވެ.

ސިރާޖު ހުށަހެޅުއްވި އިސްލާހު ގާނޫނަކަށް ބަދަލުވުމުން މިހާރުގެ ޑީޖޭއޭ އުވޭނެ އެވެ. އަދި އެތަނުގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތްތައް އާ ޑީޖޭއޭއަށް ބަދަލުވާނެ ކަމަށް ބިލްގައިވެއެވެ.

ބިލުގައިވާ ގޮތުން ޑީޖޭއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން ހިމެނެއެވެ.

ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި އިދާރީ ފިޔަވަޅު އެޅުމާއި ވަކި ކުރުމުގެ ބާރު އެ ބިލްގައި ޑީޖޭއޭ އަށް ދީފައިވެއެވެ.

ޖޭއެސްސީން ކަނޑައަޅާ އުސޫލަކުން ފަނޑިޔާރުންނަށާއި ޖޭއެސްސީގެ މެމްބަރުންނާއި ކޮމިޝަންގެ މުވައްޒަފުންނާއި ޝަރުއީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާ ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ ޒިންމާ ވެސް ބިލުގައިވާ ގޮތުން ޑީޖޭއޭއާ ހަވާލުކުރެވޭނެއެވެ.

ބިލުގައި ވާ ގޮތުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރާނީ ޖޭއެސްސީންނެވެ.

Advertisement

ކޮމެންޓް