ފަނޑިޔާރުގެ ހަމަ މަގަށް އެޅުވުމަށްވުރެ ބޮޑު ޒިންމާއެއް މަޖިލީހަކަށް ނެތް: މެންބަރު ވަހީދު

26 Jun 2019 | 11:50

ފަނޑިޔާރުގެ ހަމަ މަގަށް އެޅުވުމަށްވުރެ ވަކިން ބޮޑު ޒިންމާއެއް ރައްޔިތުންގެ މަޖިލީހަށް ނެތް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން، މުހައްމަދު ވަހީދު ވިދާޅުވީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމުގެ މަރުގެ މައްސަލައިގައި އަފްރާޝީމްގެ ބައްޕައާއި ބޭބެ ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ސިޓީއެއް ފިނުވި ކަމަށެވެ.

އަދި އެސިޓީ ސްޕްރީމް ކޯޓަށް ވެއްދީ އޭނާކަން ފާހަގަކުރައްވައި ވިދާޅުވީ އެސިޓީއަކީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓާއި ހައި ކޯޓުން ހުމާމުގެ މައްޗަށް މަރުގެ ހުކުމް އިއްވައި އެހުކުމް ތަންފީޒު ކުރަން އުޅުމުން ވާރިސުން ވަނީ ހުމާމުގެ މައްޗަށް އިއްވި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އެދިފައިވާ ކަމަށެވެ.

ނަމަވެސް، އަވަސް އަރުވާލައިގެން އެރެއިން އެރެއަށް ސްޕްރީމް ކޯޓުން މިހާރު އެވަނީ ނިހާއީ ހުކުމެއް ކޮށް، ހުމާމުގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރުމަށް ހުކުމްކޮށްފައި ކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް ފަނޑިޔާރުގެ ހަމަ މަގަށް އެޅުވުމަށްވުރެ ބޮޑު ޒިންމާއެއް މަޖިލީހަށް ނެތް ކަމަށާއި ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަށް އޮތް ތަނަކީ ޖޭއެސްސީ ކަމަށެވެ.

އެހެންކަމުން ޖޭއެސްސީ ތެރެއަށް ސްޕްރީމް ކޯޓުން ވަދެ، ޖޭއެސްސީގެ ބާރު ކަނޑުވާލައިގެން އުޅޭތީ، އެކަމަށް މިހިނދުން މިހިނދަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވަހީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް