ދުނިޔޭގެ އެދުންވެރިކަން އިސްކުރާ ބަޔަކަށް ވެރިކަން ލިބިއްޖިއްޔާ އެންމެ ފުރަތަމަ ކޮކަޑިލާނީ ތައުލީމަށެވެ

26 Jun 2019 | 16:13

ރައްޔިތުންގެ މަޖިލީހަށް ދިވެހި ރައްޔިތުން މިއަދު ހޮވާފައިތިބި ވަރަށް ގިނަ މެމްބަރުންގެ ޝުއޫރުތަކެއް މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެތެރެއަށް ވަނީ އޮއްސާލާފައެވެ. އެމެމްބަރުންގެ ޝުއޫރަކަށްވީ ރާއްޖޭގައިހުރި އިސްލާމީ ޔުނިވަރސިޓީ އުވާލަންޖެހިފައިވާކަމަށެވެ. އެމީހުންގެ ނަޒަރުގައި އިސްލާމީ ޔުނިވަރސިޓީއެއް ހިންގީމާ ދައުލަތަށް މާޚަރަދު ބޮޑުވެއެވެ. ބުރައަކަށްވެއެވެ. ރައްޔިތުންގެ މިމަންދޫބުންގެ ޚިޔާލާއި ފިކުރު ހުރިގޮތް ފެނިފައި އަޅުގަނޑުގެ ހިތަށްވަނީ އަޅުގަނޑުމެންގެ ކުރީގެ އިލްމުވެރިޔަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. މަޝްހޫރު ގުޅީ އީސާކަލޭގެފާނުގެ ދަރިކަލުން ޝައިޚް އުމަރު އީސާގެ ބަސްފުޅެކެވެ. އޭނާ ވިދާޅުވެފައިވެއެވެ. ދުނިޔެއަށް ކަނުލޯތްބެއް ޖެހިފައި ތިބި ބައެއްގެ އަތްމައްޗަށް ވެރިކަމެއް އަރައިފިއްޔާ އެންމެ ފުރަތަމަ ކޮކަޑިލާނީ ތައުލީމަށެވެ.

ޝައިޚް އުމަރު އީސާއަކީ ކިހާވަރެއްގެ އިލްމުވެރިއެއްތޯއެވެ. އޭނާ ކިޔަވައި ވިދާޅުވީ މިސްރުގެ އަޒްހަރު ޔުނިވަރސިޓީންނެވެ. ޝައިޚް މުހައްމަދު ޖަމީލު ދީދީ ވިދާޅުވެފައި އޮންނަގޮތުން ޖަމީލު ދީދީއަށްވުރެ ޝައިޚް އުމަރު އީސާގެ އިލްމުވެރިކަމާއި ހިލްމުވެރިކަމާއި ފަލްސަފާވެރިކަން ބޮޑެވެ.

ޝައިޚް އުމަރު އީސާގެ ބަސްފުޅަށް ފުންކޮށް ވިސްނައި ނަޒަރު ހިންގާލާއިރު ކިހާތެދުކޮށް އެބަސްފުޅު މިއަދު އަޅުގަނޑުމެންގެމައްޗަށް އައިސް ޖެހިއްޖެ ނޫންތޯއެވެ. ދިވެހި އަޅުގަނޑުމެންގެ ކާބަފައިން ބިންގާ އަޅައިދިން މަދްރަސާތަކުން ގުރުއާންގެ އިލްމާއި ދީނީ އިލްމު މަޑުމަޑުން އެހެނަސް ހަމަކަށަވަރުން ކުރިއަރަމުންގޮސް ދިވެހިންގެ ފަޚްރާއި އިއްޒަތާއި ޝަރަފާއި ގުޅިފައިވާ "އިސްލާމްދީން" ގެ ނޫރު އަޅުގަނޑުމެންގެ ދިވެހި ޖައްވުން އޭގެފުރިހަމަކަމާއެކު ފަތުރައިލާނޭ ޚާއްސަ މަރުކަޒެއް، އާދެ އިސްލާމިކް ޔުނިވަރސިޓީއެއް ވުޖޫދުވުމާއެކު މިއަދު އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގެ އެދުންވެރިކަމަށް ދަހިވެތިވެފައިތިބި ބަޔަކު އަވަސްވެގެންފައިމިވަނީ އެމަރުކަޒު ނައްތައިލުމަށެވެ. އުމަރު އީސާގެ ބަސްފުޅުގައިވާގޮތުން " ކޮކަޑި" ލުމަށެވެ.

އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮވާފައި ތިއްބެވި މެމްބަރުން ތަކެއްގެ ޝުއޫރު އިސްލާމިކް ޔުނިވަރސިޓީއާއިމެދު މިއަދު އެގޮތަށް ފާޅުކުރެއްވިޔަސް އެއްކަމެއް ސާފުވެއެވެ. އެއީ ސިޔާސަތެކެވެ. އެސިޔާސަތުގެ ބިންގާ އަޅުއްވައިދެއްވީ އެބޭފުޅުން މިއަދު އެބޭފުޅެއްގެ ފަހަތްޕުޅުން ހިންގަވައި ނަމޫނާ ނަންގަވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 2007 ވަނަ އަހަރު އަލްޖަޒީރާގެ ޕްރޮގްރާމެއްގައި ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިންފޮމޭޝަން މިނިސްޓަރ އަދި ކުޅުދުށްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި އުމަރު ނަސީރު ބައިވެރިވެވަޑައިގެން ހިގައިދިޔަ ބަހުސްގެ ވީޑިއޯ ކްލިޕްސް މިއަދުވެސް އެހެރީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ފެންނާށެވެ.

އެޕްރޮގްރާމްގައި ރައީސް މުހައްމަދު ނަޝީދު އޭރުހުރި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއަށް ނިސްބަތްކޮށް ވިދާޅުވެފައިވެއެވެ.

" 11 ހާސްކުދިން އެބަކިޔަވާ އެ އިސްލާމިކް ކޮލެޖްގައި. ހިންގަނީ ސަރުކާރުން ޚަރަދުކޮށްގެން. އަޅުގަނޑުމެންގެ އެބަހުރި އިނގިރޭސިބަހުން ކިޔަވައިދޭ ސިސްޓަމެއް. ގައްޔޫމް ވެރިކަމަށް އައުމަށްފަހު ވަކިން އޭނާ މިގެންދަނީ އަރަބިކް ސިސްޓަމެއް ހިންގަމުން. އެނިޒާމުގެތެރެއިން ފަންޑަމެންޓަލިޒަމް ނުވަތަ ހައްދުފަހަނައަޅާފައިދިއުން ކޮންޓްރޯލެއް ނެތްގޮތުގައި ފީޑްކޮށްދެމުންދަނީ" މިއީ މުހައްމަދު ނަޝީދު 2007 ވަނަ އަހަރު މިއަދުގެ އިސްލާމިކް ޔުނިވަރސިޓީއާމެދު ގެންގުޅުއްވި ޝުއޫރެވެ. 2008 ގައި އޭނާގެ ވެރިކަމުގައި އިސްލާމިކް ކޮލެޖް ނިކަމެތިކޮށް ކުޑަކުޑަ ފެކަލްޓީއަކަށް ބަދަލުކޮށްލަން ކުރެއްވި މަސައްކަތްޕުޅު ގިނަބަޔެއްގެ ހަދާނުގައި ހުންނާނެއެވެ. މިއަދު އެއިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައެވެ. މަޖިލީހުގެ މެމްބަރުންގެތެރޭގައި ގިނަ އަދަދަކަށް ތިއްބެވީ އޭނާގެ މިފިލޯސަފީއާއި ސިޔާސަތުތަކަށް ލޯބިޖެހިފައިތިބި މެމްބަރުންކަން ރައްޔިތުންގެ މަޖިލީހުގެ ބަހުސުން ދޭހަވެއެވެ. އެމީހުންގެ ނަޒަރުގައި ވޭތުވެދިޔަތާގައި އިސްލާމިކް ޔުނިވަރސިޓީން އުފެއްދީ މިއަދު ރާއްޖޭގައި ހައްދުފަހަނައަޅާފައި ތިބި މީހުންނެވެ. ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވެއެވެ. އެތާގައި ކިޔަވަމުންދާ ޓެރަރިސްޓުން އެތަން އުވާލަފާނެތީ ބިރުން އުޅެންފަށައިފިއެވެ. އެހެންވީމާ ޚަރަދު ކުޑަކުރަން އެންމެ ފުރަތަމަ ނައްތާލަންވީ އިސްލާމީ ތައުލީމްދޭ ޔުނިވަރސިޓީއެވެ. ދުނިޔޭގައި ތިބި ބަޔަކަށް ތަފާތު ދުވަސްތައް ފެންނަމުންދާނެއެވެ.


Advertisement

ކޮމެންޓް

Advertisement