ޕީއެންސީން ސަރުކާރަށް: ލުތުފީ ރާއްޖެ ގެނައުމަށް ފުރިހަމަކުރަން ޖެހެނީ ކޮން އިޖުރާއަތްތަކެއްތޯ

27 Jun 2019 | 17:31

ނޮވެންބަރު 3 ގެ އުދުވާނުގައި 19 ދިވެހިން ޝަހީދުކޮށްލި ހާދިސާގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ގެންގުޅުމަށްފަހު، އަނބުރާ ރާއްޖެ ގެނައުމަށް ފުރިހަމަކުރަންޖެހެނީ ކޮން އިޖުރާއަތްތަކެއްތޯ ޕީއެންސީން ސަރުކާރަށް ސުވާލު އުފައްދައިފިއެވެ.

ޕީއެންސީން ރޭ ނެރުނު ބަޔާނުގައި ބުނީ، މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލުތުފީ އެމްބަސީގައި ބަހައްޓާފައިވަނީ ކޮން ހަމައަކާއި ކޮން އުސޫލަކުންތޯއާއި އަދި ބައިނަލްއަގްވާމީ ކޮން މުއާހަދާއެއްގެ ދަށުންތޯ ފޮރިން މިނިސްޓްރީއާ ސުވާލު އުފައްދާ ކަމަށެވެ.

އަދި އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވުމުން ލުތުފީ ރާއްޖެ ގެނައުމުގައި ފުރިހަމަ ކުރަންޖެހެނީ ކޮން އިޖުރާއަތުތަކެއްކަން ތަފްސީލްކޮށް ބަޔާންކޮށްދިނުމަށްވެސް ޕީއެންސީން އެދިފައިވެއެވެ.

އެމައްސަލައާ ގުޅޭގޮތުން އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަށްވެސް ޕީއެންސީން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން އެ ބަޔާނަކީ އެއްވެސް ތާކުންތާކުޖެހޭ ބަޔާނެއް ނޫން ކަމަށާއި ލުތުފީއަކީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުން ފިލައިގެން އުޅޭކަމަށް އޭރުގެ ސަރުކާރުން އިއުލާންކޮށްފައިވާ ކުށްވެރިއެއް ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން، އޭނާ އަމިއްލައަށްވިޔަސް އަދި އެެހެންގޮތަކުން ވިޔަސް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވާން އެދުމުން އެކަން ދިވެހިރާއްޖޭގެ މީޑިއާތަކަށާއި ދިވެހި ރައްޔިތުންނަށް ސަރުކާރުން ވަގުތުން ހިއްސާކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ލުތުފީ ދެ މަސްދުވަސް ވަންދެން ލަންކާގައި ހުންނަ އެމްބަސީގައި ބަހައްޓައި އެކަން ސިއްރުކޮށްގެން ތިބުމަކީ މި ސަރުކާރުން ދިވެހިރައްޔިތުންނަށާއި ނޮވެމްބަރު 3 ގައި ޝަހީދުވި 19 އަބްތޯލުންނަށާއި އެ އަބްތޯލުންގެ އާއިލާތަކަށް ވެފައިވާ އިންސާފުން އެއްކިބާވެފައިވާ ހަޑިމުޑުދާރު އަމަލެއް ކަމަށް ޕީއެންސީން ބުންޏެވެ.

އަދި އެކަން ދިވެހި ސަރުކާރުން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުރިކަމުގެ ވާހަކަތަކެއް ފެތުރުމުން ކަމަށާއި ލުތުފީ ހޯދުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓަރާ ސުވާލުކުރުމަށް 16 ޖޫން 2019ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހަށް ހުށައަޅުއްވާފައިވާއިރުވެސް މިމައްސަލައިގައި މިސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނުުރުމަކީ ސަރުކާރުގެ އިޚްލާސްތެރި ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

އަދި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެފައި އޮތުމަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްވެސް ބައިލެޓްރަލް އެގްރީމަންޓަކަށް އޭގެ ސަބަބުން ބުރޫއަރާނެ ކަމެއް ނޫން ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާ ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ނެތުމަކާ އެއްވެސް ގުޅުމެއްނެތް ކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން ދެގައުމުގެ ދެމެދުގައި ވެފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ޖާގައެއްނެތް ކަމަށާއި އަދި މިސަރުކާރު ވެރިކަމާ ހަވާލުވިފަހުންވެސް ރާއްޖެއާ ސްރީލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރެވިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ލުތުފީއަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އުދުވާނު ކަމަށްވާ 3 ނޮވެންބަރުގެ ހާދިސާގައި 19 ދިވެހިން ޝަހީދުކޮށްލުމުގެ އިސް މޭސްތިރިއަކަށް ހުރި މީހާއެވެ. ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ލުތުފީ އުމުރު ދުވަހަށް ޖަލަސް ހުކުމް ކުރުމުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ލުތުފީވަނީ ޖަލުން ނެރެ، ލަންކާއަށް ފުރުވާލާފައެވެ. އެދުވަހުށް ސުރެ ލުތުފީ އުޅެނީ ލަންކާގައި ފިލައިގެންނެވެ.

Advertisement

ކޮމެންޓް

Advertisement