Advertisement

ސެކިއުލަރިޒަމްގެ ނުރައްކާތެރިކަން 9

30 Jun 2019 | 13:18

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު

2- އިސްލާމީ ތާރީޚުގެ ޙަޤީޤަތް އޮޅުވާލައި ހުތުރުކޮށް ދެއްކުން.

އިސްލާމީދީނުގެ މަތިވެރި ހިދާޔަތުން މީސްތަކުން އެއްކިބާކުރުމަށްޓަކައި އިސްލާމީ ރިސާލަތާމެދު ތަފާތު ޝައްކުތައް އުފެއްދުމަކީ އައުކަމެއް ނޫނެވެ. ރަސޫލުބޭކަލުންނާމެދު ތަފާތު ތުހުމަތު ކުރެވެމުން ދިޔަކަމީ ތާރީޚުން ފެންނާން އޮތް ޙަޤީޤަތެކެވެ. އެބޭކަލުންނަކީ މޮޔައިންކަމާއި، ސިޙްރުވެރިންކަމާއި، ކާހިނުންކަމާއި، ޅެންވެރިންކަމާއި، ދޮގުވެރިންކަމާއި، ދުނިޔެއާއި ޖަހާއި މަންޞިބާއި، ވެރިކަމައިގެން އުޅޭބައެއްކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. މިހުރިހާ ތުހުމަތެއް ކުރެވެން ފެށީ އެމީހުންގެ ތެރޭގައި ތެދުވެރިކަމާއި އަމާންތަތެރިކަމާއި، އަޚުލާޤީގޮތުން އެބޭކަލަކު މަޝްހޫރުވުމަށް ފަހުއެވެ.

ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ރަސޫލުކަމުގެ ޚަބަރު ދެއްވުމަށް ޞަފާ ފަރުބަދައަށް އަރައި ވަޑައިގެން ޤުރައިޝް ވަންހައިގެ އެކި ދަރިކޮޅުތަކަށް ވަކިވަކީން އެކަލޭގެފާނުން ގޮވާލެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އެމީހުން ޖަމާވިއެވެ. ފުރަތަމަވެސް އެކަލޭގެފާނު އެމީހުންނާ ކުރިމަތި ކުރެއްވީ ސުވާލެކެވެ. މި ފަރުބަދައިގެ ފަހަތުގައި ކަލޭމެންނާ ހަނގުރަމައަށް ބަޔަކު އައިސްތިބި ވާހަކަ ތިމަން ކަލޭގެފާނު ވިދާޅުވެއްޖެނަމަ ކަލޭމެން ތިމަންކަލޭގެފާނުންގެ ބަސް ތެދުކުރާނަންހެއްޔެވެ؟ އެހިނދު އެންމެންގެ ޖަވާބަކަށްވީ އާނއެކެވެ! އެއީ އަހަރުމެންގެ ތެރޭގައި ކަލޭގެފާނުގެ ކިބައިން ދޮގެއް ތަޖުރިބާކުރި ހަމައެކަކުވެސް ނެތެވެ.

ނަމަވެސް އެކަލޭގެފާނުގެ ރަސޫލުކަން އަންގަވައި އިސްލާމްދީން ހުށަހެޅުއްވުމުން އެކަލޭފާނަކީ ދޮގުވެރިއެއްކަމުގައި މައްކާގެ ބޮޑުން ފަތުރަން ފެށިއެވެ. އަބޫލަހަބު ބުންޏެވެ. ކަލޭގެފާނަށް ހަލާކު ހުއްޓެވެ. އަހަރުމެންނަށް ގޮވައި ތިޔަ އެއްކުރީ ތިވާހަކަ ބުނަންހެއްޔެވެ؟ މިކަން މިހިސާބުން ހުއްޓުނިއްޔަކީ ނޫނެވެ. މައްކާގައި އިސްލާމް ދީންފެތުރެން ފެށުމުން އެކަންފެތުރި މައްކާއިން ބޭރަށް ހިނގައިދާނެ ކަމުގެ ބިރަށްޓަކައި ކީރިތިރަސޫލާ صلى الله عليه وسلم އޭ ކިޔައިގެން ހަދަމުންދިޔަ ބުހުތާނުތައް މައްކާއަށް ޒިޔާރަތް ކުރާމީހުންގެ ގާތުގައި ދައްކަމުން ދިޔައެވެ.

ޙައްޖު މޫސުމުގައި ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން އަންނަ މީހުންނަށް ދީނަށް ގޮވާލެއްވުމުގައި ކީރިތި ރަސޫލާ صلى الله عليه وسلم މަސައްކަތް ކުރައްވާއިރު އެކަލޭގެފާނުންގެ ފަހަތްޕުޅުން އެކަލޭގެފާނުންގެ ބޮޑުބޭބެއިންގެ ތެރޭގައި ހިމެނޭ އަބޫލަހަބު ހިނގަމުންވެސް އެވާހަކަތައް ގޮވަމުން ދިޔައެވެ. އޭނާ ބުނަމުންދަނީ "މުޙައްމަދާ ކައިރިނުވާށެވެ! އޭނާ ދައްކާވާހަކަ އަޑުނާހައްޗެވެ. އޭނާއަކީ މޮޔައެކެވެ. ތިމަންނާއަކީ އޭނާގެ ބޮޑު ބޭބެއެވެ. އޭނާގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގޭނީ ތިމަންނާއަށެވެ."

އިސްލާމީ ތާރީޚުގެ ރިވެތި ޞަފްހާތަކުގެ ބަދަލުގައި ސެކިއުލަރިސްޓުން ދައްކަމުންދަނީ އިސްލާމީ ތަޢުލީމާތުތަކާ ޚިލާފަށް ހިނގާފައިހުރި ބައެއް ޙާދިޘާތައް އެއީ މުޅި އިސްލާމީ ތާރިޚުކަމަށް ދައްކައި، މީހުން ކޮށްފައިހުރި ނުބައިކަންކަން ދީނަށް ނިސްބަތްކޮށްގެންނެވެ. ނަމަވެސް އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި ހަމަތައް އެކަންކަމަށް އިންކާރު ކުރެއެވެ.

އިސްލާމީ ތާރީޚުގެ ރިވެތި ޞަފްޙާތައް ހުތުރު ކުރުމުގެ ވާހަކަދައްކަމުންދާއިރު ވިސްނާލަން ޖެހޭ ނުކުތާއެއް އެބައޮތެވެ. ޔަހޫދީންނާއި، ނަޞޯރާއިންނާއި، ސެކިއުލަރިސްޓުންނާއި ، ލިބްރާލީންނާއި، ހިންދޫންނާއި ސިކުންނާއި، ބުޑިސްޓުންނާއި، މިހުރިހާމީހުން ހަމައެކަނި އިސްލާމީ ތާރީޚާއި އިސްލާމްދީނުގެ ތަޞައްވުރު ހުތުރުކުރަން މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟ އެހެން މީހުންގެ ތާރީޚުގައި ދައްކާނެ އެއްވެސް ވާހަކައެއް ނެތީހެއްޔެވެ؟ އެމީހުންގެ ތެރޭގައި ހުރިހާކަމެއްވެސް ހިނގަމުންގޮސްފައިވަނީ ހަމަ އެންމެ ރަނގަޅަށް ހެއްޔެވެ؟

ފަހަރެއްގައިވެސް އެހެނެއް ނޫނެވެ. މިހުރިހާ ބާޠިލު ޢަޤިދާއަކާ ޙަޤީޤަތުގައި ޚިލާފުވަނީ އިސްލާމްދީނެވެ. އެމީހުންގެ ޙަޤީޤީ ދުޝްމަނަކީ އިސްލާމްދީނެވެ. އެއީ ނަފްސުގެ އެދުންތަކުން މީސްތަކުން މިނިވަންކުރުމުގެ މަތިވެރި ޢަޤީދާއެވެ. އެންމެންނަކީ ހަމަހަމަ ބައެއްކަމާއި އެއްވެސް އިންސާނަކު އެއްވެސް އިންސާނަކަށް އަޅުވެތިވާން ނުޖެހޭކަމުގެ ޢަޤީދާއެވެ. އެންމެން އަޅުވެތިވާންވީ އެންމެންގެ ވެރިރައްބަށް ކަމެވެ. އެންމެ އުޅެންވީ އެންމެންގެ ރައްބު އެންގެވި ގޮތަށްކަމެވެ. ތަބާވާންޖެހޭ ޝަރީޢަތަކީ ރައްބުގެ ޝަރީއަތްކަމެވެ. ޙަލާލު ކަންކަމަކީ ﷲ ޙަލާލުކުރެއްވި ކޮންމެކަމެކެވެ. ޙަރާމްކަމަކީ ﷲ ޙަރާމްކުރެއްވި ކޮންމެކަމެކެވެ. ވެރިކަމަކީ ﷲ ގެ ދީނުގައިވާ ގޮތަށް މީސްތަކުންގެ ސިޔާސަތު ބެލެހެއްޓުންކަމެވެ. އެހެނީ މި މަތިވެރި އަޤީދާގެ ސަބަބުން މީސްތަކުން މިނިވަންވެ މުޖުތަމަޢުގައިތިބި ނުފޫޒުގަދަ މީހުންގެ ނުފޫޒާއި އަޅުވެތިކަމުން މީސްތަކުން ސަލާމަތްވެއެވެ. އެފަދަ ޖައްބާރުންނަށް މީސްތަކުންގެ މައްޗަށް އޮންނަ ބާރު ކެނޑިގެން ދެއެވެ. މައްކާގެ ބޮޑުންނަށް އިސްލާމްދީން ކަމުނުދިޔައީ މިހެންވެގެންނެވެ. އެމީހުންގެ ބާރުކެނޑޭތީއެވެ. އިލާހީ ޝަރީޢަތުގެ ކުރިމަތީގައި އެންމެން ހަމަހަމަވާތީއެވެ. މިޒަމާނުގައިވެސް އިންސާނުންގެ ބޮލަށް ސަވާރުވެފައިވާ ދުނިޔޭގެ ނުފޫޒުގަދަ ބާރުތަކުން އިސްލާމްދީނަށް ނަފްރަތު ކުރަނީ މިހެންވެގެންނެވެ. އެއީ އެމީހުންގެ ހަވާ ނަފްސުތަކުގެ އެދުންތަކުން މީސްތަކުން މިނިވަންކުރާ ހަމައެކަނި ދީނަކީ އިސްލާމްދީންކަމުގައި ވާތިއެވެ.

އިސްލާމީ ތާރީޚުގެ ތެރެއިން ކައުސާހިބާ صلى الله عليه وسلم ގެ ޒަމާނުގައި ޢަރަބިންގެ ބޮޑެތި ބާރުތަކުގެ އަނިޔާވެރިކަމުން މީސްތަކުން ސަލާމަތް ކުރެއްވިއެވެ. އޭގެފަހުން ޚުލަފާއުއް ރާޝިދޫންގެ ޒަމާނުގައި ފާރިސީންނާއި ރޫމީންގެ އަނިޔާވެރިންގެ އަޅުދާސްތުކަމުން މީސްތަކުން ސަލާމަތްކުރެއްވިއެވެ. ޢުމަރުގެފާނުންގެ ޚިލާފަތުގައި ބައިތުލް މަޤްދިސް މިނިވަންކުރެއްވިއެވެ. އޭގެފަހުން ޢައްބާސީ ޚިލާފަތުގައި އިސްލާމީ ފުތޫޙާތު ފުޅާވެގެން ދިޔައެވެ. އޭގެ ސަބަބުން މުޅިދުނިޔޭގެ ކަންކޮޅުތަކަށް ޢިލްމުގެ ނޫރު ފެތުރިގެން ދިޔައެވެ. (ނުނިމޭ)

Advertisement

ކޮމެންޓް