Advertisement

ގޯސްވަނީ ވަކި ބަޔަކު ސިޔާސީ މަގާމުގައި ހުރުމުންހެއްޔެވެ؟

30 Jun 2019 | 21:44

ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގާނޫނު އަސާސީ ބިނާވެފައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވުމަށް ދައުލަތުގެ އިދާރާތަކުން ޚާއްސަ މަގާމްތަކަކަށް ވަކި ބަޔަކު ކަނޑައެޅިދާނެއެވެ. އާންމުގޮތެއްގައި މިއީ ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނައިބުންނާއި، ޑިރެކްޓަރުންނާއި ކޯޑިނޭޓަރުން ފަދަ ފަރާތްތަކެކެވެ. މިފަދަ މަގާމުތަކަށް އާންމު ގޮތެއްގައި ކިޔައި އުޅެނީ ސިޔާސީ މަގާމްތަކެވެ.

ސިޔާސީ މަގާމްތަކަށް ރައީސް އޮފީހުގެ ޚާއްސަ ސިޓީއަކުން މީހުން ހަމަޖެއްސުމަކީ އިއްޔެއަކު އަދި މިއަދަކު ފެށުނު ކަމެއް ނޫނެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައިވެސް ސިޔާސީ މަގާމްތަކޭ ބުނެވޭނެފަދަ މަގާމްތަކެއް އުފައްދައި ދީފައިވާކަން ފާހަަގަކޮށްލެވެއެވެ. އެފަދަ ފަރާތްތައް މަގާމުގައި ތިބުމާއި ނެތުން ބިނާވެފައިވަނީ އޭރުގައި އޮންނަ ސަރުކާރާއި ވެރިއެއްގެ ސިޔާސަތު ދިފާއުކުރުމަށް މަސައްކަތް ކުރެވޭނެ މިންވަަރަށެވެ.

ނިމިދިޔަ ސަރުކާރަކީ އިދިކޮޅު ފަރާތްތަކުން ސިފަކުރި ގޮތުގައި މަތިބަރު ސަރުކާރެކެވެ. ސަބަބަކީ ސަރުކާރުގެ މަގާމުތަކުގެ އަދަދުތައް ގިނަވެފައި، އެ ފަރާތްތަކުގެ މުސާރަ ފަދަ ކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހަރަދުތައް އިތުރުވުމެވެ. އަދި އޭގެ ތެރެއިން ގިނަ ފަރާތްތަކަކީ އިދިކޮޅު ފަރާތްތަަކަށް ސޯޝަލް މީޑިޔާގައި ރައްދު ދިނުން ފިޔަވައި އިތުރުކަމެއް ނުކުރާ ފަރާތްތަކެއްކަމަށް އިދިކޮޅުން ދިޔައީ ތުހުމަތުކުރަމުންނެވެ.

އެ ދުވަސްވެސް ވޭތުވެގެން ގޮސްފިއެވެ. މި ސަރުކާާރުގައިވެސް ސިޔާސީ މަގާމްތައް ފުނިޖެހެން ފަށައިފިއެވެ. ހަމަ ރައީސް ޔާާމީންގެ ސަރުކާރުގެ ފަދައިންނެވެ. އެކިއެކި ނަންނަމުގައެވެ. މިއަދު އެފަދަ މަގާމުތަކުން ފެންނަ ބައެއް ފަރާތްތަކަކީ ފާއިތުވި ފަސް އަހަރު، އިިދިކޮޅުގެ ފިކުރު ސޯޝަލް މީޑިޔާގައި ފެތުރުމުގެ ބުރަ މަސައްކަތް ކުރި ބައެކެވެ. އެ ފިކުރު ކާާމިޔާބުވުމުން، އެ ފިކުރާއި ދެކޮޅަށްވެސް ފާޑުކިޔާ ފަރާތްތައް މަދެއް ނޫނެވެ. މި ދެންނެވީ ސަރުކާާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ "ނުފެންނަ ދެ ފެކްޝަން" ގެ ފަރާތްތަކުން އެކަކު އަނެކަކަށް އެއްޗެހި ގޮވުމެވެ.

މިފަދަ ފަރާތްތަކަކީ މަގާމަށް ކިހާާ ގާބިލް ބައެއްތޯ ސުވާލު އުފެއްދުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެކެވެ. އެއީ އެފަރާތްތަކުން އެ މަގާމްތަކަށް އައްޔަންކުރެވެނީ ރައްޔިތުންގެ ހައްގުގައި މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި ކަމަށް ވާތީވެއެވެ. އެ ހައްގު ބޭނުންކުރުމުން އެހެނަސް އެ ހައްގު ބޭނުންކުރާ ފަރާތްތައް މި ފަރާތްތަކަށް ގޯސްވެއްޖެއެވެ. ފާއިތުވި ފަސް އަހަރު ޚުދު އެބޭފުޅުންވެސް ކުރީ އެކަން ކަމެއް ހަނދާނުގައި ނެތެވެ.

ސޯޝަލް މީޑިޔާގެ އެކްޓިވިސްޓެއްކަމުގައި ވިޔަސް މަގާމަކަށް ލެވިދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމެެވެ. އެ މަގާމަކަށް އެމީހަކު ލަނީ މަސްއޫލިއްޔަތުތަކެއް މަތިކުރުމަށްފަހުގައެވެ. އެހެންކަމުން އެ މަސްއޫލިއްޔަތުތައް އަދާކުުރުމުގެ ގާބިލްކަން އެ ފަރާތްތަކުގެ ކިބައިގައި ހުރިތޯ ސުވާލު އުފެއްދުމަކީ މައްސަލައެއް ކަމުގައިވަނީ ކީއްވެބާވެއެވެ؟ މިއަދު މައްސަލައަކީ ވަކި މީޑިޔާއަކުން އެ ސުވާލު ކުރިއިރު، އެ މީޑިޔާގެ ކުރީގެ މުވައްޒަފުންވެސް ސިޔާސީ މަގާމްތަކުގައި ތިބުމެވެ.

ނަމަވެސް ކަމުގެ ހަގީގަތަށް ބަލައިފިނަމަ އެ މުވައްޒަފުންގެ ތެރެއިން ގިނަބަޔަކީ އަމިއްލައަށް ފެނިގެން އެ މީޑިޔާއިން ވަކިވި މުވައްޒަފުންނެވެ. ނޫނީ އެތަނުން ވަކިކޮށްފައި ތިބި ފަރާތްތަކެވެ. އެ ފަރާތްތަކާއި މަތިކޮށްފައިވަނީ އެ ފަރާތްތައް އަދާކުރަން ދަންނަ މަސްއޫލިއްޔަތު ތަކެކެވެ. ނަމަވެސް ހަމަ އެ ފަރާތްތަކާއިވެސް މަގާމުގެ ފެންވަރު ހުރިތޯ ސުވާލުކުރުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށްމެ ލިިބިގެންވެއެވެ.

ސިޔާސީ މަގާމްތަކަކީ ހަމަ ކޮންމެ ސަރުކާރެއްގައިވެސް އޮންނާާނެ މަގާމްތަކެކެވެ. ކިތަންމެ ވަރަކަށް އެކަމަކާއި ދެކޮޅަށް އަޑު އުފުލިޔަސް އެކަމެއް ނޯވެ ނުދާނެއެވެ. ނަަމަވެސް ބަޔަަކަށް މައްސަލައަކަށް މިވަނީ ވަކި ބަޔަކު ސިޔާސީ މަގާމެއްގައި ތިބުމުން، އެބަޔަކު ތިބި ގޮތާއި މެދު ސުވާލު އުފެއްދުމުންތޯއެވެ؟ ފާއިތުވި ފަސް އަހަރު ތިޔަބޭފުޅުންވެސް ހަމަ ކުރެއްވީ އެކަމެއް ނޫންތޯއެވެ؟ 

Advertisement

ކޮމެންޓް