ޕާކިން މައްސަލައިގައި ނަހުލާ މަޖިލީހަށް ހާޒިރުކުރަނީ

02 Jul 2019 | 22:22


މާލޭގައި ދުއްވާ އެއްގަމު އުޅަނދު ޕާކު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި ނުދީ، ފިޔަވަޅު އަޅަމުންދާތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ނޯޓިސް ފޮނުވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުކުރައްވައި، ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރަކާ ސުވާލުކުރާ ނަމަ، އެ ބޭފުޅަކަށް މަޖިލީހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެއެވެ. އެހެންކަމުން ނަހުލާ މަޖިލީހަށް ހާޒިރުވެ ވަޑައިގަންނަވާނީ މިމަހުގެ 16 ގައެވެ.

މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް މިއަދު ނޯޓިސް ފޮނުވިއިރު، މެންބަރު ޖާބިރު ނަހުލާއާއި ސުވާލުކުރައްވަނީ، ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާއިރު މަގުތަކުގައި އެއްގަމު އުޅަނދުތައް ޕާކުކުރެވޭނެ ރަގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދެއްވުމަކީ ދައުލަތުން ރައްޔިތުންނަށް ވެފައިވާ ވައުދެއްކަމުން އެދަތިތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކީ ކޮބައިތޯ ބެލުމަށެވެ.

ޕާކުކުރާނެ ތަނެއް ނުދައްކައި މިސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށް ރައީސް އިބްރާހީް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޕާކިން ސަރަހައްދެއް ކަނޑަ ނާޅައި ސްޓީކާ ޖަހައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ނަގަމުންދެއެވެ.

އެގޮތުން މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހު ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ ފަހު ހަފްތާގައި 1350 ވެހިކަލްގައި ސްޓިކާ ޖަހާފައިވެއެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ޕާކު ކުރާނެ ސަރަހައްދެއް ކަނޑަނާޅައި ސްޓިކާ ޖަހަމުންދާތީ އާންމު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް