ހުޅުދުއްފާރުގެ މަގު ހަދަން ރުށްގަސް ނެގުމަށް ނިންމީ އެންމެ ސާޅީސް މީހުންގެ ބައްދަލުވުމަކުން!

03 Jul 2019 | 09:36

ރަނގަޅު ފެންވަރެއްގައި މަގުހެދުމަށްކަމަށްބުނެ ރ.ހުޅުދުއްފާރުން 600އަށްވުރެ ގިނަ ރުށް ނެގުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ އެރަށުގެ މަގުތައް ތާރު އަޅައި ހެދުމަށްޓަކައި ރުށްގަސް ނެގުމަށް ނިންމާފައިވަނީ އެރަށު ރައްޔިތުންގެ ބައްދަލުވުގައި ނެގި ވޯޓަކުން ކަމަށެވެ. ނަމަވެސް ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އާބާދީގައި 1500އެއްހާ މީހުން އުޅޭ މިރަށުގެ މި ބައްދަލުވުމުގައި ބައިވެެރިވީ އެންމެ ސާޅީސް މީހުންނެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރަށުގެ މަގުތަކުގައިވާާ 643 ރުކާއި ގަސްތައް ރަށުގެ ހޭޅިފަށުގައި އިންދަން ކައުންސިލުން ގަސްދުކުރާާ ކަމަށެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި އެ ޕްރޮޖެކްޓް މިގޮތަށް ކުރިއަށް ގެންދިއުމަށް އީޕީއޭއިން މިހާތަނަށް ހުއްދަ ދީފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އެރަށުގެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެހާ މަދު ބަޔަކު ތިބި ބައްދަލުވުމަކުން އެހާ މުހިންމު ނިންމުމެއް ނުނިންމޭނެކަމަށްބުނެ، އެކަމާއި ދެކޮޅަށް ރައީސް އޮފީހަށާއި އީޕީއޭ އަށް އަދި ޕްލޭނިން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންނެވެ.

ހުޅުދުއްފާރުގެ މަގުތަކުގައިވާ ރުށްތަކަކީ އެރަށަށް ޒިޔާރަތްކުރާ ގިނަ ބަޔެއްގެ މެދުގައި ޖަޒީރާވަންތަކަމަށް މަގުބޫލު ރުށްތަކެކެވެ.

ފޮޓޯ: މުހައްމަދު ސާލިމް

Advertisement

ކޮމެންޓް