ތަރިކައިގެ ގާނޫނު ހަމައެކަނި މަލޭގެ ހުރަސް ތޮށިން އެތެރޭގައި ތަންފީޒުކުރެވިގެން ނުވާނެ: ޒިޔާދު

02 Jul 2019 | 21:07

ދިވެހި ރާއްޖޭގެ ތަރިކައާއި އާސާރު ހިމާޔަތް ކުރުމަށްޓަކައި ''ތަރިކައިގެ ގާނޫނު'' ގާނޫނަކަށް ބަދަލުވުމުން ހަމައެކަނި އެގާނޫނަކީ މާލޭގެ ހުރަސް ތޮށިން އެތެރޭގައި ތަންފީޒު ކުރެވޭ ގާނޫނަކަށް ވެގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލަށް ބަހުސް ކުރައްވަމުން، ހުސައިން ޒިޔާދު ވިދާޅުވީ މިހާރުވެސް މަލޭގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް ބަލަހައްޓާ ފަދައިން އަތޮޅުތަކުގެ ރަށްތަކުގައި ހުރި އާސާރީ ތަންތަން ބަލަހައްޓަމުން ނުދާ ކަމަށެވެ. އަދި ކާބަފައިން މީގެއެތައް ސަތޭކަ އަހަރެއްގެ ކުރިން ދިރިއުޅުނު ރަށްރަށް މިހާރު ފަޅު ވެފައި އޮތް ނަމަވެސް އެފަދަ ރަށްރަށުގައި ވެސް އާސާރީ އެތައް ތަނެއް އެބަހުރިކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ އެފަދަ ތަންތަނަކީ އަންނަން އޮތް ޖީލަށްވެސް ރައްކާތެރިކޮށްދެން ޖެހޭނެ ތަންތަން ކަމަށް ވިދާޅުވިއެވެ.

އަދި ބައެއް ރަށްރަށުގައި ހުރި އާސާރީ ތަކެތި މާލެ ގެނެސް ރައްކާކޮށްފައި ހުރިކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ، ތަރިކައާއި އާސާރު އަސާރަކަށްވަނީ އެއެއްޗެއް ހުރިތަނެއްގައި ރައްކާތެރި ކަމާއެކު ބަހައްޓައިގެން ބެލެހެއްޓުމުން ކަމަށެވެ. އެގޮތުން އުތީމު ގަނޑުވަރު ގެނެސް ހުޅުމާލޭގައި ބެހެއްޓުމުން ގިނަ ރައްޔިތުންނަށް ފެނުނު ކަމުގައި ވިޔަސް އެއީ އާސާރަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ސަރުކާރުން މީގެ 37 އަހަރު ކުރިންވެސް ވިސްނާލެވިފައި ނެތްކަމަށް ޒިޔާދު ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ހިމާޔަތް ކުރަން ނިންމާފައިވާ ހދ. ކޭލަކުނުގައި ކުރިން ރިސޯޓެއް ހަދަން ނިންމުމުން އަތޮޅުގެ ބައެއް ރައްޔިތުން އެކަމަށް އުފާކުރި ނަމަވެސް އޭރުވެސް އެރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗާމެދު ރައްޔިތުންނަށް ވިސްނާލެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ތާރީޚީ އަދި ތަރިކައާއި އާސާރީ ގޮތުން ބަލާނަމަ ކޭލަކުނަކީ ބޭރުގެ ގައުމުތަކުގައި އޮތް ޖަންގަލި ފަދަ ބޮޑު ޖަންގައްޔެއް ރާއްޖޭގައި އޮތް ހަމައެކަނި ރަށް ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ހިމާޔަތްކޮށްފައިވާ ކޭލަކުނަކީ މީގެކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ބުނެވޭ ގޮތުގައި އެރަށް ފަޅުވެފައިވަނީ އަށާރަވަނަ ގަރުނުގައެވެ. މިއީ ހދ. އަތޮޅުގައި ހިމެނޭ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ މާ ޖަންގަލި އޮތް ރަށެކެވެ. މިރަށުގައި މީހުން ދިރިއުޅުނުކަން އެނގޭނެ އެތައް ހެކިތަކެއް މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން އިމާރާތުގެ ގާފޮޅުތަކާއި ރުއްގަހުގައި ކަނޑާ ނަގައިގެން ލިޔެފައިވާ މީހުންގެ ނަންތަކުގެ އިތުރުން ބަންޑާރަ ކުރެއްކަން އަންގައިދިނުމަށް އުތުރުގެ ރަށްރަށުގައި މިހާރުވެސް ކަނޑާ ނަގައިގެން ޖަހަފައިވާ ''ތިން ތައް'' ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. އަދި ޒިޔާރަތަކާއި ފެންވަޅުތަކުގެ އިތުރުން ގަބުރުސްތާނާއި ހިރިގަލުން ހަދާފައިވާ މަހާނަ ގަލުގައި ކަނޑާ ނަގައިގެން ލިޔެފައިވާ ނަންތައް ވެސް ފެންނަން އެބަހުއްޓެވެ. އަދި ކަނޑޫފަލާއި ކުޅިތަކާއި ޒިޔާރަތަކީ މިހާރު ހިމާޔަތްކޮށްފައިވާ ތަންތަނެވެ.

ކޭލަކުނު ފަޅުވީ 8 ޑިސެންބަރު 1821 ވީ ހޮނިހިރު ދުވަހުގެރޭ އައި ބާރު ވިލާގަނޑެއްގައެވެ. މިއީ މަޝްހޫރުކޭލަކުނު ތަޅައިލި ވިއްސާރައެވެ. މިވިއްސާރައިގައި ކައިރީގައި އޮތް ވައިކަރަދޫވެސް އެއްކޮށް ފަޅުވިއެވެ.

Advertisement

ކޮމެންޓް