އީޕީއެއިން ޕްލޭނިންގ މިނިސްޓްރީ އަށްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

03 Jul 2019 | 13:46

ހުޅުލެ-މާލެ ބުރިޖު މަޝްރޫއު ހިންގުމުގައި 4/93 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާއި ޚިލާފަށް މަސައްކަތް ކޮށްފައިވާތީވެ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ޢާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ހުޅުލެ-މާލެ ބުރިޖު ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި އެއެޖެންސީއަށް ލިބުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) މެދުވެރިކޮށް ކުރެވުނު އިންސްޕެކްޝަންއިން އިނގުނު ގޮތުގައި އެސަރަހައްދުގެ ކަނޑުގެ އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި އުކާލެވިފައިވާކަމަށާއި މަޝްރޫއުގެ ވެރިފަރާތަށް ދީފައިވާ އީ.އައި.އޭ. ޑިސިޝަން ސްޓޭޓްމަންޓުގައިވާ ގޮތާއި ޚިލާފަށް އެއްވެސްކަމެއް ހިނގައިފިނަމަ ރިޕޯޓް ކުރަން ޖެހުނުކަމުގައި ވިޔަށް، މީގެ އެއްވެސް ކަމަކާއި ގުޅިގެން އީޕީއޭއަށް ރިޕޯޓުކޮށްފައެއް ނުވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ހުޅުލެ-މާލެ ބުރިޖު މަޝްރޫއު ހިންގުމުގައި 4/93 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާއި ޚިލާފަށް މަސައްކަތް ކޮށްފައިވާތީވެ، "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ނަންބަރު:4/93)" ގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު (ނަންބަރު:2011/R-9)" ގެ ޖަދުވަލު 2 ގެ 7 އާއި ޖަދުވަލު 5 އަށް ރިޢާޔަތްކޮށް، ޖުމްލަ 892,500 (އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ) ރުފިޔާއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ވަނީ ޖޫރިމަނާކުރެވިފައެވެ.

އަދި ހަމަ އެއާއެކު، މި ޖޫރިމަނާއަށް ވާ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް ޕްލޭނިންގ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

Advertisement

ކޮމެންޓް