ސްރިލަންކާއަށް ހަކުރު އިމްޕޯޓު ކުރުން ހުއްޓާލައިފި

16 Oct 2018 | 18:54

ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގު އުފުލިފައި ހުރުމުގެ ސަބަބުން އަވައްޓެރި ސްރިލަންކާއަށް ހަކުރު އިމްޕޯޓުކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ލަންކާގެ ޝުގާ އިމްޕޯޓާސް އެސޯސިއޭޝަނުން އެގައުމުގެ ޑެއިލީ މިރާއަށް މައުލޫމާތު ދިންގޮތުގައި ހަކުރު އިމްޕޯޓުކުރުން ވަގުތީ ގޮތުން ހުއްޓާލަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގުތައް މައްޗަށް ދިޔުމާއި ގުޅިގެން ކަމަށެވެ. އަދި ބޮޑު އަގުގައި ހަކުރު އެތެރެކޮށްފިނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ ކަމުގައެވެ.

ލަންކާއަށް ހަކުރު އެތެރެކުރާ ފަރާތްތަކުގެ އަތުން ހަކުރު ކިލޯއަކަށް 44.50 ރުޕީސް އަދި ބަނދަރު މައްޗަށް ބޭލުމަށް 58.50 ރުޕީސް ޓެކްސްގެ ގޮތުގައި ނަގައެވެ.

މީގެ އިތުރުން ލަންކާ ސަރުކާރުންވަނީ އެގައުމަށް އެތެރެކުރާ ހަކުރުގެ އަގު ކޮންޓްރޯލްވެސް ކޮށްފައެވެ. އެގޮތުން ހޯލްސޭލްކޮށް ނަމަ ކިލޯއަކުން 92 ރުޕީސް އަދި ވަކިން ވިއްކާނަމަ 100 ރުޕީސްއަށް ވަނީ އަގު ކަނޑައަޅާފައެވެ.

ނަމަވެސް އެގޮތަށް އަމަލުކުރަން ފަށާފައިވަނީ ހަކުރުގެ އަގު ނޫފުލެނީސް ކަމުގައި ލަންކާ ސަރުކާރުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތްތަނުގައި ހަކުރު ލިބުމުގެ ދަތިކަން ލަންކާއަށް ކުރިމަތިވާނެ ކަމަށް އެގައުމުގެ ޝުގާ އިމްޕޯޓާސް އެސޯސިއޭޝަނުންވަނީ ހާމަކޮށްފައެވެ. 

Advertisement

ކޮމެންޓް