ހަތެއް ފެބްރުއަރީގެ ހާދިސާއާއި ގުޅިގެން އިމްރާން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

03 Jul 2019 | 16:36

7 ފެބްރުއަރީ 2012 ގައި ހިނގި ހަމަނުޖެހުންތަކާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހަޅައިފިއެވެ.

މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ޖާބިރު ހުށަހަޅައިފައިވަނީ، ހަތެއް ފެބްރުއަރީ ގައި ޣައިރުގާނޫނީ އަމުރެއް ކުރި ކަމަށްބުނެ، އަމުރަށް ކިޔަމަންތެރި ވި ފުލުހުންތަކެއްގެ މައްސަލަ ހައްލު ނުވެ، ހިނގި އެހަމަނުޖެހުންތަކުގެ ސަބަބުން އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ކަމަށެވެ.

އަދި 8 ފެބްރުއަރީގައި ބަޔަކު ނުކުމެ މާލެއާއި ރަށްރަށުގެ ފުލުސް ސްޓޭޝަންތަކުގައި ހުޅުޖަހާފައިވާތީ، އެކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލަކީ ކޮބައިތޯ އާއި އެކަމުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކުރުމަށް ޖާބިރު ހުށަހަޅުއްވާފައި ވެއެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމަުގައި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއެވެ.

އެމުޒާހަރާތަކަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވައިފައެވެ. ނަމަވެސް އޭގެ ފަހުން އެމަނިކުފާނާއި އަދި އެމްޑީޕީގެ ގިނަ ފަރާތްތަކުން އަދިވެސް ބުނަމުންދަނީ ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓައިލީ ކަމަށެވެ.

އެފަހަރުގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައި މިހާރު ހޯމް މިިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ ހިމެނެއެވެ.

Advertisement

ކޮމެންޓް