ދިވެހިންގެ މައްޗަށް ޝަރީޢަތްކުރަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ އެންމެ ލާބަހުރި ގޮތްތޯ؟

05 Jul 2019 | 23:11

ކުށްވެރިން ބަދަލުކުރުމާއި ބެހޭ ގޮތުން ރާއްޖެއިން އިންޑިއާ އެކު ސޮއިކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ނިންމި ނިންމުމާއި ގުޅިގެން، އައްޝައިޚު އަހުމަދު ސަމީރު މަޖިލީހުގެ މެންބަރުންނަށް ސުވާލު ކުރިމަތި ކުރުވައިފިއެވެ.

ޝައިޚު ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޮބުވެތި ދިވެއްސެއްގެ މައްޗަށް ތަހުގީގު ހިންގައި، ޝަރީއަތް ހިންގައި ހުކުމް އިއްވުމަށް ބޭރު ގައުމެއްގެ އަތްދަށަށް ދޫކޮށްލުމަކީ ދިވެހި ގައުމާއި ރައްޔިތުންނަށް އެންމެ ލާބަަހުރި ގޮތްތޯ ސުވާލުކުރައްވާފައެވެ.

އަދި މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި މެންބަރުން އެކަމާ ފުންކޮށް ވިސްނަވައިލެއްވުމަށް ސަމީރު އެދިވަޑައިގެންނެވިއެވެ.

މިއެއްބަސްވުމުގައިވާ ގޮތުން، އިންޑިއާއިން ކުށްވެރިއަކު ކަމުގައި ކަނޑައަޅާ މީހަކު، އިންވެސްޓެއް ރާއްޖެއަށް ކޮށްފައިވާނަމަ އެ އިންވެސްޓެއްގެ ފައިސާ އިންޑިއާއިން ހިފެހެއްޓޭނެ ކަމާއި ދެ ގައުމުގެ ބޭންކްތަކުގެ މެދުގައި މުއާމަލާތްތައް ބަދަލު ކުރެވޭނެ ކަމަށް އޮތުމުން ކޮމިޓީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އެ ގޮތުން ގާސިމް އިބްރާހިމް ވަނީ އެ ކަމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ކޮމިޓީގެ ތެރޭގައި ނުރުހުން ފާޅު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

އިންޑިއާ ރާއްޖެ މުއާހަދާގައި ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އިދިކޮޅު މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ

- ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.

- ޓެރަރިޒަމާއި ޓެރަރިޒަމް ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތަށް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވުން.

- ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުން.

- ތަހުގީގު ކުރުމާއި ޝަރީއަތްކުރަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވެދިނުން.

- މައްސަލައާ ގުޅޭގޮތުން ހޯދަން ޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުސަތު ފުޅާވުން.

- ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.

- އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މަސައްކަތްތަކުގައި އެހީތެރިވުން.

- މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން.

- މައްސަލަތަކުގައި ހިނގާ ހަރަދުތައް ކުރަން ޖެހޭނީ، އެ ހުށަހެޅުމެއް ހުށަހަޅާ ގައުމަކުން.

މިއެއްބަސްވުމާއި ގުޅީގެން އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ރައްޔިތުންވެސް ގެންދަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement