ފުލެޓް ދިން ގޮތާމެދު މައްސަލަ ޖައްސަން ޖެހޭނީ ފްރޭމްކޮށްގެން: މުއިއްޒު

05 Jul 2019 | 17:43

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ފުލެޓްތައް ރައީސް ޔާމީންގެ ސަރުކާރުން ދިން ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ އެމައްސަލަ ޖައްސަން ޖެހޭނީ އިސްވެރިން ފުރޭމްކޮށްގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފުލެޓް ދީފައިވާނީ ވަރަށް އިންސާފުވެރިކޮށް ކަމަށާއި އެކަމުގައި މައްސަލަ ޖެއްސޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އަދި ފުލެޓް ދޫކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެކަމަށް އިތުރު މައްސަލައެއް ޖައްސަންޏަ ޖައްސަން ޖެހޭނީ ފުރޭމްކޮށްގެން ކަމަށް ވިދާޅުވިއެވެ.

އަދި ފުލެޓް ދީފައިވަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށާއި ރާއްޖެ ޓީވީގެ އިސް ބޭފުޅަކަށް ވެސް ފުލެޓް ލިބުމުން އެކަމަށް ޝިކުރު އަދާކުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފުލެޓްތަކުގެ މައްސަލައިގައި ސަރުކާރުން އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަދައްކަމުންދަނީ ކަންކަން ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި ފުލެޓް ހައްގުނުވާ އެއްވެސް ފަރާތަކަށް ފުލެޓް ދީފައި ނުވާނެ ކަމަށާއި ފުލެޓްގެ މަޝްރޫއު އެފުށް މިފުށަށް ޖަހާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިރޭ ކުރިއަށްދާ ޖަލްސާގައި ރައީސް ޔާމީންނާއި ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ގިނަ އަދަދެއްގެ މެންބަރުންނާއެކު ކުރިއަށްދާ މިޖަލްސާގައި ރައީސް ޔާމީންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

ކޮމެންޓް