ސަރުކާރު ބަދަލުވެއްޖެނަމަ ހަރުމުދާ ބޭރަށް ދާ ގޮތަށްހުރި އެއްބަސްވުންތައް އެފުށް މިފުށަށް ޖަހާނަން: ޔާމީން

05 Jul 2019 | 20:37

މިސަރުކާރު ބަދަލުވެއްޖެނަމަ ރާއްޖޭގެ ރައްޔިތުންގެ ހަރު މުދާތައް ގައުމުން ބޭރަށް ދާގޮތަށް ހުރި ހުރިހާ އެއްބަސްވުންތަކެއް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިހާރު ކާނިޗާ ސަރަހައްދުގައި ކުރިއަށްދާ ''ފޭރުމާ ދެކޮޅަށް'' ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ ހަރުމުދާތައް ބޭރަށް ދާގޮތަށް ސަރުކާރުން އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށާއި މިއީ ދިވެހިންގެ ހަރުމުދާތައް ބަހާލުން ކަމަށެވެ.

ރައީސް ޔާމީންް ވިދާޅުވީ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެނަމަ އެފަދަ އެއްބަސްވުންތައް އެފުށް މިފުށަށް ޖަހާނެ ކަމަށާއި ދިވެހިންގެ ހަރުމުދާ ހުންނަންވާނީ ދިވެހިންގެ އަތުގައި ކަމަށެވެ. ދިވެހިންގެ ފައިސާއާއި ދިވެހިންގެ މުދަލާއި ގަހަނާތަކުން ބައެއް ބޭރުގެ ބަޔަކަށް ދޭކަށް ނުޖެހޭނެ ކަމަށާއި އެކަން އެގޮތަށްވެ ނިމެންދެން ބަލަން ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ފުލެޓް ދީފައިވާ ފަރާތްތަކުގެ އަތުން ފުލެޓްތައް ނުނެގޭނެ ކަމަށް ވިދާޅުވިއެވެ. އަދި ފުލެޓް ދީފައިވާ މީހުން އަތުން އަތުލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މިސަރުކާރުން ވެރިކަމާ ހަވާލުވި އިރު ހުންނާނީ ފުލެޓްތައް އިމާރާތްކޮށް ތަޅުދަނޑި ހަވާލުކުރަން ވެފައި ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ދޮންވެލި ފިނޮޅުތަކަށް ދާންދެން އުކާލި ފުލެޓް އޮށްތައް ނުފެޅި ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ފުލެޓްތައް އެޅީ ކުރިން އުލާކި އޮށްތަކުން ފުލެޓްތައް ނުފެޅުމުން ކަމަށެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް