ވަކި ސިނގިރެޓް ވިއްކި މައްސަލައެއްގައި 28 ތަނެއް ޖޫރިމަނާކޮށްފިއެވެ.

05 Jul 2019 | 06:10

ވަކި ސިނގިރޭޓު ވިއްކާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނުގައި ވަކި ސިނގިރޭޓް ވިއްކައިގެން 17 ކެފޭ އަކާއި 11 ފިހާރައެއް ޖޫރިމަނާކޮށްފައިވެއެވެ.

އަދި މި އޮޕަރޭޝަނުގައި 62 ތަނަކުން ވަކި ސިގިރޭޓު ވިއްކާކަން ފާހަގަކުރެވިފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއަހަރުގެ މެއިމަހުގެ 31 ވަނަ ދުވަހުގެރޭ 12:00 އިން ފެށިގެން ދުންފަތާއި ބެހޭ ގަވައިދަށް ވަނީ އަމަލުކުރަން ފަށާފައެވެ. އެގާނޫނުގެ ދަށުން ވަކި ސިގިރޭޓު ވިއްކުމަކީ މަނާ ކަމެކެވެ.

މި ގަވައިދުގެ ދަށުން ވިއްކޭނީ މަދުވެގެން ވިހި ސިގިރެޓް ހިމެނޭ ފޮއްޓެއް، ފަންސާސް ބިޑި ހިމެނޭ ފޮއްޓެއް ނުވަތަ ބޮނޑިއެއް، އަދި ދުންފަތުގެ އެހެނިހެން ބާވަތްތައް 30 ގްރާމް ހިމެނޭގޮތަށެވެ.

އަދި މިމަހުގެ 31 އިންފެށިގެން ރާއްޖޭގައި އުފައްދާ ރާއްޖޭގައި ބަންދުކުރާ، އަދި ރާއްޖެއަށް އެތެރެކުރާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތަށް ފޮޓޯޖެހި ސިއްހަތުގެ އިންޒާރު ޖެހުން ގާނޫނުން ލާޒިމުވާނެއެވެ.

މި ގަވައިދުގެ ދަށުން ދެވަނަ ފަހަރަށް ފަސް ހާސް ރުފިޔާ، ތިންވަނަ ފަހަރަށް ދިހަ ހާސް ރުފިޔާ، އަދި ހަތަރުވަނަ ފަހަރު ވިހި ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ފަސް ވަނަފަހަރަށް ޖޫރިމަނާކުރެވޭނީ ގާނޫނުގައި ޖޫރިމަނާކުރުމަށް ކަނޑައަޅައިފައިވާ އެންމެ މަތީ އަދަދުންނެވެ.

Advertisement

ކޮމެންޓް