ރައީސް ޔާމީން ރައީސް ސޯލިހަށް: ބޮޑު ޒީރޯ ޓޮލަރެންސްގެ ތެރެއިން ލުތުފީ އެމްބަސީގައި ފޮރުވި މައްސަލަ ތަހުގީގުކުރަން ކެރޭނެތޯ

05 Jul 2019 | 20:31

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުއްވާ ޒީރޯ ޓޮލަރެންސްގެ ތެރެއިން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުރި ދިވެހި އެމްބަސީގައި ފިލުވައިގެން ގެންގުޅުނު މައްސަލަ ތަހުގީގު ކުރަން ކެރިވަޑައިގަންނާވެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސް ސޯލިހަށް ސުވާލު ކުރިމަތި ކުރުވައިފިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރު އޮންނާނީ ޒީރޯ ޓޮލަރެންސްގައި ކަމަށް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުގެ އެބަސްފުޅަށް އިޝާރާތް ކުރައްވައި، ކޮންގްރެސް ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު އަބްދުﷲ ލުތުފީ ލަންކާގެ ދިވެހި އެމްބަސީގައި ފިލުވައިގެން ގެންގުޅުނު މައްސަލަ ރައީސް ސޯލިހުގެ ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ތެރެއިން ތަހުގީގު ކުރަން ކެރިވަޑައިގަންނަވާނެތޯ ސުވާލު އުފައްދަވާފައެވެ.

ޔާމީން ވިދާޅުވީ ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ބޮޑު އެމްބަސީގައި ފިލުވައިގެން ދެމަސްދުވަހު ގެންގުޅުމާއި އޭނާ ހައްޔަރުކޮށްގެން އަނބުރާ ރާއްޖެ ނުގެނެވުނު މައްސަލައިގައި ދިވެހި ސަރުކާރުން ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.

"މީނައަށް، ލުތުފީއަށް އެންމެ ގާތް ކުރެވޭ ބަހަކަށް މި އޮންނަނީ ޓެރަރިސްޓެކޭ، ހާއިނެކޭ، އޭނާއަކަށް ހައްގެއް ނުލިބޭ ބައެއްގެ ލޭ އޮހޮރުވަން، ލުތުފީއަކީ ބޮޑު ޓެރަރިސްޓެއް. ބޮޑު ޚާއިނެއް. ބޮޑު ބާޣީއެއް، ފޮރިން މިނިސްޓްރީންނާއި ފުލުހުން ނެރުނު ބަޔާނުތަކުން ހީވި މިއީ އދ. އިން ސިލޯނަށް ކަނޑައަޅުއްވާފައި ހުރި އެންވޯއީއެއް ކަމަށް. '' ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން މަގާމުގެ ނުފޫޒު ބޭނުން ކުރުމަކީ ކޮރަޕްޝަން ކަމަށާއި މިސަރުކާރުގެ އިސްވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލުތުފީއަށް މަންފާތަކެއް ހޯދައިދީފި ކަމަށް ވިދާޅުވިއެވެ. އަދި ލުތުފީ ކަހަލަ ބޮޑު ޚާއިނަކަށް ސަރުކާރުން އެއްބާރުލުން ދިނުމަކީ ބޮޑުތަކުރުފާނުފަދަ ބަތޮލުންނަށް ސަރުކާރުން ކުރި މަލާމާތެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ލުތުފީ ފިލުވުމުގައި މިސަރުކާރުގެ އިސްބޭފުޅުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިފި ކަމަށާއި ބޮޑު ޒީރޯ ޓޮލަރެންސްގެ ތެރެއިން އެމައްސަލަަ ބަލަންޖެހޭނެ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement