ފުލުހުންގެ ޔުނީފޯމަކީ އަނިޔާ ކުރަން ލިބޭ ލައިސަންސެއް ނޫން: މަހުލޫފު

06 Jul 2019 | 21:41

ފުލުހުންގެ ޔުނީފޯމަކީ އަނިޔާ ކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޔުނީފޯމަކީ ޤާނޫނާއި ހިލާފަށް އަމަލު ކުރަން ލިބޭ ފުރުސަތެއް ނޫން ކަމަށެވެ. އަދި މަދު ފުލުހުންގެ އަމަލުތަކުގެ ސަބަބުން، މުޅި މުއައްސަސާ ބަދުނާމު ވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މީގެ ކުރިން ފުލުހުންގެ އަނިޔާ ތަޖުރިބާ ކުރަން ޖެހުނުކަންވެސް މިނިސްޓަރގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ގާއިމް ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މަހުލޫފު ވަނީ ތައުރީފް ކުރައްވާފައެވެ.

މަހުލޫފު އެފަދައިން ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފަންނު ގެއެއް ރެއިޑް ކުރިއިރު، މީހަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުން އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިޔޯ ސޯޝަލް މީޑިއާގައި ދައުރުވުމާއެކު ގިނަ ބަޔަކު ވަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް، ފުލުހުންގެ މުއައްސަސާއަށް ފާޑު ކިޔާފައެވެ. އެމައްސަލައާއި ގުޅިގެން ޕޮލިސް ކޮމިޝަނަރު ވަނީ އެ އޮޕަރޭޝަން ހިންގި ފުލުހުންނާއި ބައްދަލު ކުރައްވާ، އެކަމުގައި ބައިވެރިވި ފުލުހުން ސަސްޕެންޑް ކުރަން ނިންމަވާފައެވެ. 

Advertisement

ކޮމެންޓް

Advertisement