Advertisement

ކެލިފޯނިޔާ: ހުކުރު ދުވަހު އައީ ފާއިތުވި 20 އަހަރުގައި އައި އެންމެ ބާރުގަދަ ބިންހެލުން

06 Jul 2019 | 21:32

އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓަށް އެންމެ ފަހުން އައި ބިންހެލުމަކީ ފާއިތުވި 20 އަހަރު ދުވަހުވެސް އެ ސްޓޭޓަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

7.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމާއި ގުޅިގެން ކެލިފޯނިޔާގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކަށް ލޮޅުން އަރާފައިވާއިރު، ބައެއް ހިސާބުތަކުން ވަނީ ކަރަންޓްވެސް ކެނޑިފައެވެ. އެހެންނަމަވެސް، އެއްވެސް މީހަކު މަރުވެފައިނުވާ ކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ހާމަކުރެއެވެ.

އޮފިޝަލުން ހާމަކުރާ ގޮތުގައި ކެލިފޯނިޔާއަށް ހުކުރު ދުވަހު އައި ބިންހެލުމަކީ، ބުރާސްފަތި ދުވަހު އައި ބިންހެލުށްވުރެ އެތައް ގުނައެއް ބާރުގަދަ ބިންހެލުމެކެވެ. ކެލިފޯނިޔާގެ ކުޑަ ސިޓީއެއް ކަމަށްވާ ރިޖްކްރެސްޓް ކައިރިއަށް ހުކުރު ދުވަހު ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، ބުރާސްފަތި ދުވަހު އެ ސިޓީ ކައިރިއަށް 6.4 މެގްނިޓިއުޑްގެ ބާރު މިނުގައި ވަނީ ބިންހެލުމެއް އައިސްފައެވެ.

އެންމެ ފަހުން އައި ބިންހެލުމާއި ގުޅިގެން އިތުރު ލޮޅުންތަކެއް އަރާފާނެ ކަމަށް ބެލެވޭތީ އާންމު ރައްޔިތުން ތައްޔާރީ ހާލަތުގައި ތިބުމަށް ކެލިފޯނިޔާގެ ގަވަރުނަރު ވަނީ އިލްތިމާސް ކުރައްވާފައެވެ..

އެކަމާއި ގުޅިގެން ރިޖްކްރެސްޓް ސިޓީގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެމީހުން ދިރިއުޅޭ ހިސާބު ރައްކާތެރި ނޫން ކަމަށް ގަބޫލު ކުރެވޭތީ އެހެން ހިސާބުތަކަށް ވަގުތީ ގޮތުން ބަދަލުވެފައެވެ. 

Advertisement

ކޮމެންޓް