Advertisement

އެމްޑީޕީން ފަތުރާ ދޮގު ޚަބަރުތަކުގެ ހަޤީޤަތް އަންނަނީ ހާމަވަމުން: ނިހާން

06 Jul 2019 | 22:53

އިދިކޮޅު ޕާޓީ ޕީޕީއެމްއާއި ގުޅޭގޮތުން، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ފަތުރަމުން އައި ދޮގު ޚަބަރުތަކުގެ ހަޤީޤަތް ހާމަވަމުން އަންނަ ކަމަށް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރު ބަދަލު ކުރުމަށްޓަކައި އެމްޑީޕީން ފެތުރި ޚަބަރުތަކުގެ ހަޤީޤަތް "މަޑުމަޑުން" ހާމަވަމުން އަންނަ ކަމަށެވެ. ނިހާން އެހެން ވިދާޅުވީ، ޗައިނާގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި ކަމަށް ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުންނެވެ.

އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ސްޓްރެޓިޖިކް ނިއުސް ޗެނަލް (އެސްއެންއައި) އަށް ދެއްވި ބަސްދީގަތުމެއްގައި ޝަމާލު ވިދާޅުވީ، ޗައިނާ އަކީ ދުނިޔޭގެ އެކިއެކި ގައުމުތަކަށް އެހީތެރިވަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން، އިންޑިއާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައި އޮންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޗައިނާއާއިއެކުގައި ވަރަށް ގާތް ގުޅުމެއް ބާއްވާފައިވެއެވެ. އެކަމާއި ގުޅިގެން އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގެ ބައެއއް އެކްޓިވިސްޓުން ވަނީ ރާއްޖޭގައި ޗައިނާގެ އަސްކަރީ ބޭހެއް އަޅަން އެގައުމުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. 

މީގެ އިތުރުން، ދިވެހި ސަރުކާރާއި ޗައިނާއާއި ގުޅިގެން ސިއްރު އެއްބަސްވުންތަކެއް އެކުލަވާލި ކަމަށްވެސް އޭރު ޚަބަރު ފެތުރިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.  

Advertisement

ކޮމެންޓް

Advertisement