ސަރުކާރުގެ އަމަލުތަކުން ހީވީ ލުތުފީ އަކީ ޚާއްސަ މަންދޫބެއްހެން: ރައީސް ޔާމީން

07 Jul 2019 | 08:36

ސަރުކާރުގެ އަމަލުތައް ހުރިގޮތުން، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ އދގެ ސްޕެޝަލް އެންވޯއީއެއްހެން ހީވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ފޭރުމާއި ދެކޮޅަށް" މިނަމުގައި ޕީޕީއެމްއިން އެންމެ ފަހުން ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ކަމަށްވާ ލުތުފީ އަކީ "ބޮޑު" ޚާއިނެއް، އަދި ޓެރަރިސްޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އޭނާ ކުރިކަމަކުން ސަރުކާރު ވެއްޓުމާއި ނުވެއްޓުން އެއީ ސިޔާސީ ކަމެއް. އޭނާއަކަށް ހައްގެއް ނެތޭ ލޭ އޮހޮރުވާ ކަށެއް" ޕީޕީއެމްގެ ސަރުކާރު ބަދަލުވިފަހުން ފުރަތަމަ ފަހަރަށް ރެލީއެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

2010 ވަނަ އަހަރުގައި ބޭސްފަރުވާއަށް ފޮނުވުމުން ފިލި ލުތުފީ މި ހުރިހާ ދުވަހު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ޒިންމާދާރު މުއައްސަސާތަކުން ލުތުފީއާއި ގުޅޭގޮތުން ނެރުއްވި ބަޔާންތަކުން، އޭނާ އަކީ އދއިން ސިލޯނނަށް ކަނޑައަޅުއްވާފައިހުރި މަންދޫބެއް ނުވަތަ އެންވޯއީއެއްހެންވެސް ހީވި ކަމަށެވެ.

ލުތުފީއަށް އެމްބަސީގައި ހުރެވިގެން ނުވާނެ ކަމަށާއި، ފާއިތުވި ދެމަސްދުވަހު އޭނާ އެމްބަސީގައި ބަހައްޓައިގެން ޖަރީމާ ހިންގި ފަރާތްތަކަށް އަދަބު ދޭން ކެރޭނެތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ 3 ނޮވެމްބަރުގެ ޒިކުރާ އާކުރަން ދިވެހި ރައްޔިތުން މިއަދުވެސް ބޭނުންވާ ކަމަށާއި، އެދުވަހުގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ލުތުފީ ރާއްޖެ ގެންނަން ބޭނުންނުވާ ކަމަށް ބުނާ މީހުންނަކީ ދިވެހި ލޭ ހިނގާ ބައެއް ނޫން ކަމަށެވެ.

"ލުތުފީ މިތަނަށް އައީ ކޮންމެ މަގްސަދެއްގައި ނަމަވެސް، އެކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ފުރާނަ ނެތް މަސްގަނޑުތަކެއް، 19 ދިވެހިން ޝަހީދުވެގެން ދިޔުން" ރައީސް ޔާމީން ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް