Advertisement

ކޯޕާ އެމެރިކާގެ ތިންވަނަ އާޖެންޓީނާ ހޯދައިފި

07 Jul 2019 | 08:49

ކޯޕާ އެމެރިކާގެ ތިންވަނަ އާޖެންޓީނާ ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އާޖެންޓީނާ އަދި ޗިލީ މުބާރާތުގެ ތިންވަނައަށް ވާދަކުރި މެޗު އާޖެންޓީނާ ކާމިޔާބުކުރީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ރަނގަޅު ހަމަލާތަކެއް އުފައްދަމުންދިޔަ އާޖެންޓީނާވަނީ 12 އަދި 22 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލުތަކާއެކު ހަމަޖެހިލާފައެވެ. މެސީގެ މޮޅު އެސިސްޓަކާއެކު ފުރަތަމަ ގޯލް ސާޖިއޯ އަގުއޭރޯ ޖަހައިދިންއިރު އެޓީމުގެ ދެވަނަ ގޯލަކީ ލޮ ސެލްސޯ ދިން ޕާހަކުން އިދިކޮޅު ޓީމުގެ ޑިފެންޑަރުން ކައިރިން ވަރަށް ރީއްޗަށް ދެމިގަނެގެން ގޮސް ޑިބާލާ ޖެހި ގޯލެކެވެ.

އާޖެންޓީނާގެ ދެވަނަ ގޯލަށްފަހު އެޓީމް ކުޑަކޮށް މަޑު ޖެހިލިތަން ފެނުނުއިރު ޗިލީގެ ފަރާތުން ފެނުނީ ގޯލެއް ކާމިޔާބުކޮށް މެޗު ތެރެއަށް އަނބުރާ ވަނުމަށް ގަދައަޅާ މަސައްކަތްކުރި މަންޒަރެވެ.

ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި ޗިލީގެ މިޑޭލްއައި ދެމެދު ހިނގި ކުރިވަރުގެ ރޫހައި ހިލާފު ކަންތައްތަކައި ގުޅިގެން ރެފްރީވަނީ އެ ދެކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ލިބުނު އަނިޔާއަކައި ގުޅިގެން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ތަރި ސަންޗޭޒްވެސް ވަނީ ކުޅުމައި ދުރުވެފައެވެ.

ދިހަ ކުޅުންތެރިންނާއެކު ދެޓީމްވެސް ދެވަނަ ހާފުގެ ކުޅުން ފެށިއިރު ޗިލީވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ އެކި ފަހަރުމަތިން އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. އޭގެ ނަަތީޖާއަކަށްވީ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަޓޫރޯ ވިދާލް ޗިލީއަށް ގޯލެއް ކާމިޔާބު ކޮށްދިނުމެވެ.

ދެޓީމުގެ ފަރާތުންވެސް ގިނަ ފައުލުތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އާޖެންޓީނާ ކުރީގަ އޮވެގެންނެވެ.

މި މުބާރާތުގެ ފައިނަލުގައި ބްރެޒިލް އަދި ޕެރޫ ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ދަންވަރު 01:00 ގައެވެ. 

Advertisement

ކޮމެންޓް

Advertisement