Advertisement

"ވައިމާސް" ޕްރޮގްރާމުގެ 3 ވަނަ އަދަދު ކާމިޔާބުކަމާއި އެކު ނިންމާލައިފި!

07 Jul 2019 | 09:29

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިސްނަގައިގެން ކުރިޔަށްގެންދާ "ޔޫތް އޭޒް މިލީނިއަމް އެސެޓްސް ސީރީޒް" (ވައިމާސް) ގެ 3 ވަނަ ޕްރޮގްރާމް، ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

ރަފީ ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި މިލީނިއަމް ޔޫތް އެމްބެސެޑަރަކަށްވުމުގެ ޝައުގުގައި ގިނަ އަދަދެއްގެ ޒުވާނުން ދަނީ ވައިމާސް ޕްރޮގްރާމުގައި ބައިވެރިވަމުންނެވެ. އެގޮތުން ފާއިތުވެ ދިޔަ ދެ ހަފްތާ ބަންދުގައި ކުރިޔަށްގެންދިޔަ މިސީރީޒްގެ 1 އަދި 2 ވަނަ ޕްރޮގްރާމާއި އެއްގޮތަށް، މިޕްރޮގްރާމުގެ ބައިވެރިންގެ އަދަދުވެސް 75 އާއި ގާތް ކުރެއެވެ.

އާންމުކޮށް ހުޅުވާލައިގެން، އެއްވެސް ފީއަކާއި ނުލާ ކުރިޔަށްގެންދާ މިޕްރޮގްރާމުގެ މިއަދުގެ ސެޝަންތައް ނަންގަވާ ދެއްވާފައިވަނީ ވައިމާސް ޕްރޮގްރާމުގެ ދެ ސިގްނޭޗަރ ސްޕީކަރުން ކަމުގައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި މައްސޫދު އަލީއެވެ. މިދެބޭފުޅުންގެ ސެޝަން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތަފާތު މީހުންގެ ތެރޭގައި އެކު އެކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތްތަކާއި، އެކި ހާލަތްތަކުގައި މީހުންނާއި މެދު ޖެހޭ މައްސަލަތައް އެންމެ އެދެވޭ ގޮތެއްގައި ހައްލުކުރާނެ ގޮތްތަކުގެ އިތުރުން ބަދަލުތަކާއި ކުރިމަތިވާ ހިނދު އެކަންކަމާއި ޑީލް ކުރުމަށް ފަސޭހަވާނެ އުކުޅުތަކުގެ މައްޗަށެވެ.

ޒުވާނުން ބާރުވެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމުގެ މަގުސަދުގައި 2016 ވަނަ އަހަރުން ފެށިގެން ރަފީ ޖައިއްޔާއިން ކުރިޔަށްގެންދާ ވައިމާސް ޕްރޮގްރާމަކީ ޒުވާނުންގެ މަދުގައި މަގުބޫލް، ފުރިހަމަ ނަތީޖާއެއް ދައްކުވައިދީފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ސިންގަޕޫރުގެ ނަން މާޝްހޫރު ޔުނިވަރސިޓީ؛ އެޑްސްޓަރ ގްލޯބަލް އާއި ގުޅިގެން ތައްޔާރުކޮށްފައިވާ މިޕްރޮގްރާމް 600 އަށް ވުރެ ގިނަ ޒުވާނުން ފުރިހަމަކޮށްފައިވާ ކަމުގައި ރަފީއިން މައުލޫމާތު ދެއްވައެވެ. އަދި މިޕްރޮގްރާމުގެ ހުރިހާ ބައިތަކެއް އެންމެ ފުރިހަމަ ގޮތެއްގައި ފުރިހަމަ ކުރި ޒުވާނުން ހޮވާލެވި ޖުމްލަ 31 ފަރާތެއް ދަނީ ރަފީގެ މިލީނިއަމް ޔޫތް އެމްބެސެޑަރެއްގެ ގޮތުގައި ނަމޫނާ ދައްކަމުންނެވެ. 

Advertisement

ކޮމެންޓް