ބާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާނީ މާލެއާއި އައްޑޫގައި

07 Jul 2019 | 11:32

ބާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓާނީ މާލެއާއި އައްޑޫ ސިޓީގައި އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ހަމައެކަނި މި ދެ ރަށުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމީ ކަނޑައެޅިފައިވާ މިންވަރަށް ރީ ރަޖިސްޓަރ ވެފައިވަނީ މި ދެ ތަނުގައި އެކަނި ކަމަށްވާތީއެވެ.

އައްޑޫގައި އިންތިހާބު ކުރިއަށްދާނީ ހިތަދޫ ޝަރަފުއްދީނު ސްކޫލުގައެވެ. އަދި މާލޭގައި ބަހައްޓާ ދެ ފޮށިވެސް ބަހައްޓާނީ ބާ ޖަމާލުއްދީންގައި ހުންނަ އިންތިހާބީ މަރުކަޒުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިއްޔެ ވަނީ އެ ކޮމިޝަންގެ މަގާމްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ކެނޑިޑޭޓް ނަންބަރު ތަރުތީބުކުރުމަށް ގުރުއަތުލާފައެވެ.

އެގޮތުން އެ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.

ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ، ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އަދި އެގްޒެކްޓިވް ކޮމެޓީގެ މެންބަރުކަމަށް 19 ފަރާތަކުން ކުރިމަތިލިއެވެ.

Advertisement

ކޮމެންޓް