ވޮއިސް

ސަރުކާރަށް ތިން އަހަރު: ކުރީ ސަރުކާރުން އެޅި ތަންތަން އަދި ހުޅުވާ ނުނިމޭ

Share on facebook
Share on twitter
Share on telegram
Share on whatsapp

މިއަދު މިއީ ދިވެހިން އުފެއްދި ޖަޒީރާ ސަރުކާރަށް ބަރާބަރު 3 އަހަރު ފުރުނު ދުވަހެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން ދުވަހެވެ.

ވެރިކަމެއް ކުރުމަށް 5 އަހަރަކީ މާބޮޑަށް ވެސް ކުރު މުއްދަތެކެވެ. ރަނގަޅަށް ހިންދެމިލާއިރު އޮންނަނީ އަނެއްކާ ވެސް ކެމްޕޭން ފަށަން ޖެހިފައެވެ. އެގޮތުން ދިވެހިން ފޮނި އުންމީދުތަކަކާއިއެކު ގެނައި މި ވެރިކަމުގައި ވެސް ކަމަކަށް ވާކަހަލަ މަސައްކަތެއް ކޮށްލުމަށް ދެން އޮތީ އެންމެ އަހަރެކެވެ. އާދެ، 2023 ވަނަ އަހަރު ފެށޭއިރު އޮންނާނީ ރިޔާސީ ކެންޑިޑޭޓުންގެ ވާދަވެރިކަން އުފެދި ކެމްޕޭންވެސް ގަދަޔަށް ޖައްސާފައެވެ. އެހެންވީމަ 2023 އެއީ މާބޮޑު ކަމެއް ކުރެވޭނެ އަހަރެއްގެ ގޮތުގައި ނުގުނަމާތޯއެވެ. 

އެގޮތަށް ބަލާނަމަ މިވެރިކަމުގައި ރަނގަޅު މަސައްކަތެއް، ރައްޔިތުން ބަލައިގަންނާނެފަދަ ތަރައްޤީއެއް ގެނައުމަށް ދެން މިއޮތީ އެންމެ އަހަރެކެވެ. ކުރިޔަށް އޮތް އެންމެ އަހަރެއްގައި ވެސް، ކުރީ ސަރުކާރުން ހެދި ތަންތަން ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި އުޅެން ޖެހިއްޖެނަމަ މި ސަރުކާރަށް އެލިބެނީ ކިހާބޮޑު ކެއްސެއްތޯއެވެ. 

ސަލްމާން މިސްކިތް ހުޅުވަންވެފަ!

ސަލްމާން މިސްކިތ— ފޮޓޯ: މިހާރު

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން އެޅި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާފައިވާއިރު، މިސްކިތް ހުޅުވާނެ ކަމަށް މި ސަރުކާރުން ވަނީ އެކި ތާރީޚުތައް ދީފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ކުރިން ވިދާޅުވީ އެ މިސްކިތް ހުޅުވަން ނިންމާފައިވަނީ އަންނަ ރޯދަ މަހު ކަމަށެވެ. މިސްކިތް މިދިޔަ ރޯދަ މަހު ހުޅުވާނެ ކަމަށް ވެސް ކުރިން ވިދާޅުވިއެވެ. 

އެ މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސަޢުދީ ސަރުކާރުގެ ޚާއްޞަ މަންދޫބަކު މިދިޔަ އޮގަސްޓު މަހު ރާއްޖެ ވަޑައިގަތުމަށްފަހު އެ ގޮތަށް ނިންމާފައިވާ ކަމަށް މަބްރޫކް ކުރިން ވިދާޅުވިއެވެ.

ނަމަވެސް، މިހާތަނަށް އެ މިސްކިތް ހުޅުވިފައި ނުވާއިރު ކުރިޔަށް އޮތް އަހަރު އެ މިސްކިތް ހުޅުވަން ސަރުކާރަށް މިވަނީ އުޅެންޖެހިފައެވެ. 

އާ ސީޕްލޭން ޓާމިނަލް ހުޅުވަންވެފަ!

ސީ ޕްލޭން ޓާމިނަލް

ކުރީ ސަރުކާރުން އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ނިމިފައިވާ އިރު އެތަން އަދިވެސް އޮތީ ނުހުޅުވައެވެ. އެނގިފައިވާ ގޮތުގައި ޓާމިނަލްގެ ހުރިހާ މަސައްކަތެއް ނިމިފައި ހުންނަތާ ވެސް ތިން މަހެއް ވަރު ވެއްޖެއެވެ.

އެއާޕޯޓް ތަރައްޤީ ކުރުމުގެ ޚާއްޞަ ޕްރޮޖެކްޓްގެ ތެރެއިން އެއަރޕޯޓުގައި ހަދާފައިވާ އާ ރަންވޭ ހުޅުވުމަށްޓަކައި ބޭނުންވާ ހުސް ޖާގަ ލިބޭނީ، މިހާރު ސީ ޕްލޭން ޓާމިނަލްތައް ހުރި ސަރަޙައްދު ހުސްކޮށްގެންނެވެ. އެހެންވެ އެއާޕޯޓުގެ ބޮޑު ރަންވޭ ހުޅުވެން އޮތީ ވެސް، ސީ ޕްލޭން ޓާމިނަލް ހުޅުވި ޚިދުމަތް ދޭން ފެށުމުންނެވެ.

ނަމަވެސް، މިހާތަނަށް އެ ޓާމިނަލް ހުޅުވިފައި ނުވާއިރު ކުރިޔަށް އޮތް އަހަރު އެ ތަން ހުޅުވަން ސަރުކާރަށް މިވަނީ އުޅެންޖެހިފައެވެ. 

އާ ރަންވޭ ބޭނުންކުރަން ފަށަންވެފަ!

–ފޮޓޯ: އެޑިޝަން ވެލާނާގެ އާ ރަންވޭ

ރައީސް ޔާމީންގެ ސަރުކާރުން ވެލާނާ އެއާޕޯޓުގައި ހެދި އާ ރަންވޭ ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ރައީސް ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަން ބޭނުން ކުރަން ފަށާފައެއް ނުވެއެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. 

އާ ރަންވޭ ނުހުޅުވި ލަސްވުމުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވަމުންދާ މައްސަލާގައި ބަޖެޓު ކޮމެޓީގައި މިހަފުތާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް ޢަމީރު ވިދާޅުވީ އާ ރަންވޭ ބޭނުންކުރަން ނުހުޅުވި ލަސްވީ ކޮވިޑް-19 ގެ ސަބަބުން މަސައްކަތް ލަސްވުމުގެ ސަބަބުންނެވެ. މި ބަލީގެ ސަބަބުން އާ ރަންވޭ ސަރަޙައްދުގައި ހުރި އިމާރާތްތަކެއް ތަޅާލައި ނުނެގި ލަސްވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ޕްލޭން ކޮށްފައިވާ ގޮތުން އާ ރަންވޭ ސަރަޙައްދުގައި ހުރި އިމާރާތްތައް "ޑިމޮލިޝް" ކޮށް އަންނަ އަހަރުގެ ކުރީކޮޅު އާ ރަންވޭ ހުޅުވޭނެ ކަމަށެވެ. 

އެހެންކަމުން މި އޮތީ ވެސް މިފެށޭ އަހަރު ސަރުކާރުން ހުޅުވާލަން ޖެހިފައިވާ ތަނެކެވެ. 

"ވިނަރެސް" ފުލެޓުތައް ނިމެނީ

— ޕޮޓޯ މިހާރު ހިޔާގެ ވިނަރެސް ފްލެޓް

މިވެސް ކުރީގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ 7000 ފުލެޓާއާއިއެކު އިފުތިތާހުކުރި މަޝްރޫޢެކެވެ. އެއީ މި ސަރުކާރުގެ ޕްރޮޖެކްޓެއްގެ ގޮތުގައި ދެއްކުމަށް "ވިނަރެސް" ގެ ނަމަށް އެ ޕްރޮޖެކްޓްގެ ނަން ބަދަލުކުރި ނަމަވެސް، ދިވެހިންގެ ގިނަ މީހުނަށް އެކަން އޮޅިފައެއް ނެތެވެ. އެ ފުލެޓުތަކުގެ މަސައްކަތްތައް އެދަނީ ނިމެމުންނެވެ. 

ފާޑުކިޔުންތައް އަމާޒުވި ހިޔާ ފުލެޓުތަކަށްވުރެ ޖާގައިގެ ގޮތުން އެތައްގޮތަކަށް ތަނަވަސް ވިނަރެސް ފުލެޓުތައް ނިމޭއިރު މި ސަރުކާރަށް އެ ތަންވެސް ހުޅުވަން މިއޮތީ ޖެހިފައެވެ.

އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވަންވެފަ!

އުނގޫފާރު އިސްލާމިކް ސެންޓަރ–ފޮޓޯ: އުނގޫފާރު އޮންލައިން

އަނިޔާވެރި ގޮތުގައި 2012 ވަނަ އަހަރު ޝަހީދުކޮށްލާފައިވާ ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރުގައި ކުރީގެ ސަރުކާރުން އިމާރާތްކުރި އިސްލާމީ މަރުކަޒުގެ ހުރިހާ މަސައްކަތެއް ނިންމާ ކޮންޓްރެކްޓަރު ރަށުން ފޭބިތާވެސް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. 

މިވެސް ކިޔާލާ:

އެންމެފަހުން އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި އެތަން ހުޅުވުން ލަސްވަނީ އެތަނަށް ބޭނުންވާ ސައުންޑް ސިސްޓަމާއި ގޮނޑި މޭޒު ލިބުން ލަސްވެގެނެވެ. 

ދީނީ ޢިލްމުވެރިއެއްގެ ހަނދާނުގައި އިމާރާތް ކޮށްފައިވާ މިފަދަ އިމާރާތެއް އިމާރާތް ކޮށް ނިމި 2 އަހަރު ވެގެންދާއިރު ނުހުޅުވި ހުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރެއެވެ. 

މިއީ ވެސް މި ފެށޭ އަހަރު ކުރަންވެފަ އޮތްކަމެކެވެ. 

ވިދާޅުވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވާނެކަމަށް!

ދަރުމަވަންތަ ހޮސްޕިޓަލް

2019 ވަނަ އަހަރުގެ ތެރޭގައި "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި އައިޖީއެމްއެޗްގެ މާކެޓިން ބޭފުޅާ ވިދާޅުވެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި އެހެން ކަމުން އެ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވާނެ ކަމަށެވެ. 

އެ ނިންމުމާއިއެކު "ދަރުމަވަންތަ ހޮސްޕިޓަލް" މިފަދައިން އެ އިމާރާތުގެ ބޭރުގައި ބޮޑުކޮށް ނަންބޯޑު ޖަހާފައި އޮތެއްކަމަކު، އެތެރެއަށްވަދެ ބަލާލުމުން ފެންނަނީ މުޅީންވެސް "ދަރުމަވަންތަ ކޮމްޕްލެކްސް" މިފަދައިން ލިޔެފައި އޮންނަތަނެވެ. 

ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް، ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް ޖޫން، 5، 2016 ގައި މަސައްކަތް ފެށީ ދެ އަހަރުން ނިންމުމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ކުރިން ނިންމާފައި އޮތީ މާލެ ސަރަޙައްދުގެ ހުރިހާ ހޮސްޕިޓަލެއް ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ދަށުން ހިންގުމަށެވެ.

މައްސަލައެއް ނެތެވެ. ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އިމާރާތް ރަސްމީކޮށް ނުހުޅުވާނެކަމަށް ވިދާޅުވުމުން، އެކަން އެއޮތީ ނިމިފައިތާއެވެ. އެއީ ހުޅުވަންޖެހި ނުހުޅިވިފައި ހުރި ތަނަކަށް ނުވާނެތާއެވެ. ނަމަވެސް، އެ އިމާރާތަށް ވަންނަ ކޮންމެ ބޭފުޅަކުވެސް އެ އިމާރާތުގެ ފުރިހަމަކަން ދެކި އެ އިމާރާތް ރަސްމީކޮށް ނުހުޅުވާ ސަބަބެއް ސާފުކުރަން ބޭނުންވާނެކަން ޔަޤީނެވެ. 

އިދިކޮޅުގެ ކޮންގްރެސް ކޯލިޝަންގެ ވަގުތީ ރައީސް ޢަބްދުއްރަޙީމް މިކަމާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ، އެ ހޮސްޕިޓަލް ނުހުޅުވަނީ އެތަން ހުޅުވާ ރަސްމިއްޔާތުގައި މި ސަރުކާރުން ދައްކާނެ ވާހަކައެއް ނެތީމަ ކަމަށެވެ. 

ކޮންމެއަކަސް ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކާއި ނިންމާފައިވާ މި ނޫންވެސް އެތައް މަޝްރޫޢެއް އެބަހުއްޓެވެ. ހަމައެކަނި އިސްވެ މި ދެންނެވި ތަންތަން މި ފެށުނު ރިޔާސީ އަހަރުގެ ތެރޭގައި ހުޅުވަން ވެއްޖެނަމަ، ކޮންމެ ދުވަހަކު އިވޭނީ ކުރީ ސަރުކާރުގެ މިސްކިތް، ކުރީ ސަރުކާރުގެ ހޮސްޕިޓަލް، ކުރީ ސަރުކާރުގެ ޓާމިނަލް ހުޅުވައިފި، މިފަދައިންނެވެ. 

ހަމަގައިމުވެސް މިއީ، މި ސަރުކާރުގެ ވެރިންނަށް އަދި މި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ވެސް ހަޖަމު ކުރަން އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ނޫންނަމަ ބުއްދިވެރި ގޮތަކީ، އެތަންތަން ރަސްމީކޮށް ނުހުޅުވާނެ ކަމަށް ބުނެ ދަރުމަވަންތަ ހޮސްޕިޓަލާއިމެދު ޢަމަލުކުރި ގޮތަށް ޢަމަލު ކުރުމެވެ. 

100%0%0%

ކިޔުންތެރިންގެ ޚިޔާލުތައް

  1. ނުހުޅުވާ އެ ލަސްކުރަނީ އެތަންތަންވެސް ރަހުނު ކޮށްގެން ލާރިގަނޑެއް ދަމައިގަންނަން ވެގެންނެވެ.

Leave a Reply to ނުރަބޯ ރައްދު ކެންސަލް

Your email address will not be published.