އިންޑިއާ ބަލިކޮށް ދެކުނު އޭޝިޔާގެ ޗެމްޕިއަންކަން ރާއްޖެ ހޯދައިފި

16 Sep 2018 | 00:30

ސާފް ސުޒުކީ ކަޕް ފައިނަލްގައި އިންޑިޔާ 2-1 އިން ބަލިކޮށް ދިވެހިރާއްޖެ އިން ދެވަނަ ފަހަރަށް މިމުބާރާތުގެ ތަށި އުފުލާލައިފިއެވެ.

މެޗުގެ 19 ވަނަ މިނެޓްގައި، ރާއްޖޭގެ ފުރަތަމަ ލަނޑު، ޖެހީ އިބްރާހިމް މަހްދީ ހުސައިން، 'ހަބޭސް އިއްބެ' އެވެ. އޭނާ ލަނޑު ޖެހީ ނާއިޒް ހަސަން 'ދާދު' ދިން ބޯޅަ އަކުންނެވެ.

ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން އަދި ޑިފެންޑަރު އަކްރަމް ޢަބްދުލް ޣަނީ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ.

އޭގެފަހުން، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ރާއްޖެ އަށް ލިބުނު ހިލޭޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މިހާފު ނިމުނީ 1-0 އިން ރާއްޖެ ކުރީގައިއޮވެގެންނެވެ.

އިންޑިޔާ އަށް ސުން ކަނޑުވާލައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި މިހާފުގައި ކުޅެން ނިކުތް ސުމީތު ޕާސީ އެވެ. މިއީ އެޓީމުގެ ނިކިލް ޕޫޖަރީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އެއް ޕެނަލްޓީއޭރިޔާތެރޭގައި ޕާސީ ހުހަށް ހުރެ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ދެމިނެޓުފަހުން ސެންޓޭ އަށް ވަނީ ރާއްޖޭގެ ލީޑް ފުޅާ ކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މުހައްމަދު އާރިފް (ބަކާ) ދިން ރީތި ޕާހަކުން ސެންޓޭ ފޮނުވާލި ބޯޅަ އިންޑިޔާގެ ކީޕަރު ވިޝާލް ވަނީ ސަލާމަތްކޮށްފައެވެ.

މިއީ 10 އަހަރަށް ފަހު، ސާފު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދި ފުރަތަމަ ފަހަރެވެ. ރާއްޖެއިން ފުރަތަމަ ޗެމްޕިއަންކަން ހޯދީ 2008 ވަނަ އަހަރު އެވެ. 

ރާއްޖެއިން އެންމެފަހުން މިމުބާރާތުގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދިއިރު އައްސަދު ޢަބްދުލް ޣަނީ ތަށި އުފުލާލިއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ކެޕްޓަނަކަށް ހުރީ އޭނާގެ ކޮއްކޮ އަކްރަމް ޢަބްދުލް ޣަނީ އެވެ.

Advertisement

ކޮމެންޓް