ޝައިޚް އިމްރާންގެ ވާހަކަތައް ކުރީގެ ސީޕީ އަރީފްވެސް ދޮގުކޮށްފި

08 Jul 2019 | 16:29

ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާއިން ރާއްޖެއަށް ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދީގެންކަމަށްބުނާ ވާހަކަތައް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ދޮގުކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ 2014 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލުޠުފީ ފިލައިގެން ހުރިތަން އެނގިފައިވާ ކަމަށާއި އަދި އޭނާގެ ބައެއް މުއާމަލާތްތަކާއި އުޅެފައި ހުރި ތަންތަންވެސް އެނގުނުކަމަށެވެ.

"އަދި އެދުވަސްވަރުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ލުޠުފީ އަނބުރާ ގެނައިމަށްޓަކައި މަސައްކަތްތަކެއް ކޮށް، އެކަމުގެ ވަރަށް ފަހު ސްޓޭޖަކާ ހަމައަށް ގެންދެވުނުކަމަށްވޭ.” ހޯމް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އެކަމަށް ހުއްދަ ނުދީގެންކަމަށެވެ.

މި ވާހަަކަަތަކަށް ރައްދުދެއްވަމުން އަރީފް ވިދާޅުވީ މިއަދު އިމްރާން މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި މެދު ހިތާމަކުރައްވާާ ކަމަށާއި އެއީ އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ލުތުފީ މާލެ ނުގެނެވުނީ އުމަރު ހުއްދަ ނުދީގެން ނޫންކަމަށް އަރީފް ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ސިޔާސީ ބޭނުމަށް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް މިފަދަ ގޮތަކަށް ހަގީގަތް އޮޅުވާލުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ.

Advertisement

ކޮމެންޓް