ގޫގުލްމެޕް އަޕްޑޭޓް ވުމާއެކު މާލެ ސަރަހައްދު މުޅިން ބަދަލުކޮށްލައިފި

09 Jul 2019 | 12:11

ގޫގުލް މެޕްސްގައި މާލެ ސަރަހައްދުގެ ސެޓެލައިޓް ވިޔު އަޕްޑޭޓް ކުރިކަން އެނގުމުން އަޅުގަނޑުވެސް އެ ބަލާލީމެވެ.

ގޫގުލް މެޕް އަޕްޑޭޓް ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ވެރިރަށް މާލޭގެ ސެޓެލައިޓްވިޔު ބަލާލަން އުފެދުނު ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

އަޅުގަނޑަށް ފެނުނީ މާލެ ސަރަހައްދަށް ކުރު މުއްދަތެއްގެ ތެރޭގައި ނުހަނު ބޮޑު ބަދަލެއް އައިސްފައިވާ މަންޒަރެވެ. ހަމަ ޔަގީނުންވެސް މުޅި ސަރަހައްދުގެ މަލަމަތި މުޅިންހެން ފެންނަނީ މީގެ ފަސްވަރަކަށް އަހަރު ކުރިއާއި އަޅާކިޔާލާއިރު ވަރަށް ތަފާތުކޮށެވެ. މާލެއަށް އައިސްފައިވާ ތަރައްގީއަށް ގޫގުލް މެޕްސް މިހާރު ހެކިވާނެއެވެ.

މާލޭގެ އިރުމަތީ ފަރާތުން ސިނަމާލެ ބްރިޖްގެ ސެޓްލައިޓް ވިޔުއެއް ފެންނަންހުއްޓެވެ. 15 މިނެޓް ތެރޭގައި ހުޅުލެއާއި ހުޅުމާލެއިން މާލެއަށް އެއްފަހަރާ 6500 މީހުންނަށް ދަތުރު ކުރެވޭ ބްރިޖްގެ ވިޔު ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. އަދި ބްރިޖާއި ހައިވޭގެ ސްޓްރީޓް ވިޔުވެސް ހިމަނާފައިވުމުން މެޕަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

އެއާޕޯޓް ގެ އައު ރަންވޭ އާއި ބްރިޖް

މާލޭގެ އިރު އުތުރު ފަރާތުން ފެންނަން ހުރީ ހުޅުމާލެ ދެވަނަ ފިޔަވައްސެވެ. ދިވެހިންގެ އުއްމީދުތަކާއި ގުޅިފައިވާ އެސަރަހައްދުން ބޮޑު ބަދަލެއް ފެންނަން އެބަހުއްޓެވެ. 2015 ވަނަ އަހަރުގައި މަސައްކަތް ފަށައިގެން ހިއްކާފައިވާ 240 ހެކްޓަރުގެ ބިމުގެ ސަރަހައްދު ކޮމާޝަލް އޭރިއާތަކާއި، ސޯޝަލް އޭރިއާތައް ހިމެނޭގޮތަށް ތަރައްގީ ކޮށްފައިވާއިރު، ގޫގުލްމެޕުންވެސް މުޅި ސަރަހައްދު ފެންނަނީ "ކުޑަ ކުޑަ ސިންގަޕޫރެއް" ގޮތަށެވެ. ހުޅުމާލެއަށް ޒުވާނުންގެ ސިޓީއެއްގެ ކުލަވަރު އަންނަން ފަށާފައިވާކަން ވަރަށް ރަނގަޅަށްވެސް ހާމަވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި

މާލޭ ސަރަހައްދުގެ މެޕަށް އިތުރު ޗާލުކަމެއް ގެނެސްދެނީ، މާލޭގެ ދެކުނުން އޮންނަ އެނބޫދޫ ފަޅުގައި ތަރައްގީ ކުރަމުން އަންނަ ހިތްގައިމު ރިސޯޓްތަކެވެ. ތައިލެންޑް ސިންގ އެސްޓޭޓް ކުންފުނިން ތަރައްގީ ކުރާ "އެނބޫދޫ ލެގޫން" މަޝްރޫއަކީ ދިވެހިރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިންޓެގްރޭޓެޑް ޓުއަރިޒަމްގެ އެންމެ ބިޔަ މަޝްރޫއެވެ. 9 ރިސޯޓް ހިމެނޭގޮތަށް ތަރައްގީ ކުރާ އެ ޕްރޮޖެކްޓުގެ އަގަކީ އެއް ބިލިއަން ޑޮލަރެވެ.

އެނބޫދޫ ފަޅު

ދެން އޮތީ ދިވެހިރާއްޖޭގެ މައިދޮރޯށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓެވެ. އެއީ މީގެ ފަސް އަހަރު ކުރިން އޮތް އެއާޕޯޓާއި ހާސް ތަފާތު އެއާޕޯޓެކެވެ. އެއް ބިލިއަންޑޮލަރުގެ މަޝްރޫއުތައް އެއާޕޯޓްގައި ކުރިއަށްގެންދަން ފަށާފައިވާއިރު، އެ އެއާޕޯޓްގެ މަލަމައްޗަށް ތަނަވަސްކަން ގެނެސްދެނީ އޭ380 މަރުކާގެ ބިޔަ މަތިންދާ ބޯޓުތައް ޖެއްސޭގޮތަށް ހަދާފައިވާ އައު ރަންވޭއެވެ.

ގޫގުލްމެޕްގެ އަޕްޑޭޓާއެކު މާލެ ސަރަހައްދަށް އައި ބަދަލުތައް އަދި މިހާވަރުން ނިންމާލެވޭކަށް ނެތެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި، މިހާރުވެސް ތަރައްގީ ކުރަމުން އަންނަ ކިންގް ސަލްމާން މިސްކިތާއި، ރަސްފަންނާއި، އިއްޒުއްދީން ފާލަމާއި، އިންޑަސްޓްރިއަލް ވިލެޖާއި، ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައްވެސް މިވަނީ މާލެ ސަރަހައްދުގައި ތަރައްގީގެ މުޅިން އައު ކުލަތަކެއް ޖައްސުވާދީފައެވެ. 

Advertisement

ކޮމެންޓް